އެތައް ބަޔަކަށް ކޮވިޑް ޖެއްސި މީހަކު ހައްޔަރުކޮށްފި
އެތައް ބަޔަކަށް ކޮވިޑް ޖެއްސި މީހަކު ހައްޔަރުކޮށްފި

މަޔޯކާ (އެޕްރީލް 25) - އެތައް ބަޔަކަށް ގަސްދުގައި ކޮވިޑް ޖެއްސި މީހަކު ސްޕޭނުގެ މަޔޯކާ އިން ހައްޔަރުކޮށްފި އެވެ.

އުމުރުން 40 އަހަރުގެ އެ މީހާގެ ފަރާތުން ވަނީ 22 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފަ އެވެ. ހުން އައިސް ކެއްސާ އަދި ކޮވިޑުގެ އެހެން އަލާމާތްތައް ހުރި ނަމަވެސް އެ މީހާ ވަނީ އޮފީހަށާއި ޖިމަށް ގޮސް، ބަލި ފަތުރައިފަ އެވެ. މަސައްކަތަށް ދިޔަ އިރު އޭނާގެ ހުން ހުރީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ.

މަޔޯކާގައި އޭނާ ދިރިއުޅޭ ސަރަހައްދުގައި މާސްކް ވެސް ނާޅައި، ކެއްސަމުން ހިނގާބިނގާވެ އުޅުނު އިރު ރައްޓެހިން ގާތު ވަނީ އޭނާ ބޭނުން ވަނީ އެ މީހުންނަށް ވެސް ކޮވިޑް ޖައްސަން ކަމަށް ބުނެފަ އެވެ. އޭނާއާ އެކު އުޅުނު ފަސް މީހަކާއި ޖިމުން ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ މީހުންގެ އާއިލާތަކުގެ މީހުން ތެރޭން 14 މީހަކު ފަހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އެއް އަހަރުގެ ކުޑަ ތިން ކުދިން ވެސް ހިމެނެ އެވެ.

ސްޕޭނުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑުގެ އަލާމާތްތައް އެ މީހާގެ ފަރާތުން ފެންނަމުން ދިޔަ އިރު ވެސް އޮފީހަށް ދިއުން ހުއްޓާލައިފައި ނުވާ ކަމަށެވެ. އެއް ދުވަހަކު ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނުލިބެނީސް ޖެހިގެން އައި ދުވަހު އޮފީހަށާއި ޖިމަށް ދިޔަ ކަމަށް ފުލުހުން ބުންޏެވެ. ގެއަށް ދިއުމަށް، އޭނާއާ އެކު އޮފީހުގައި މަސައްކަތް ކުރާ މީހުން ބުނި ނަމަވެސް އެކަމަށް ވެސް ދެކޮޅު ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ ބަދަލުގައި އޭނާ "ބޭނުން ވަނީ ތި އެންމެންނަށް ކޮވިޑް ޖައްސަން ކަމަށް" ބުނެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭނާގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވުމުން އެތައް ބަޔަކު ކަންބޮޑުވި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މީހާގެ ފަރާތުން ކޮވިޑް ޖެހުނު އެއްވެސް މީހެއްގެ ހާލު ސީރިއަސްވެފައެއް ނުވެ އެވެ.