11 އެޕްރީލް 2021 - 22:15

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު 100 އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން އަދަދުތައް ދަށްވާން ފަށައި މިދިޔަ 24 ގަޑިއިރު ތެރޭ ވެސް މި ދަށްވުން ހުރީ ހިފެހެއްޓިފައި ކަމަށް އެޗްޕީއޭގެ މިރޭގެ ހިސާބުތަކުން ވެސް ދައްކައިފި އެވެ.
މިދިޔަ 24 ގަޑިއިރު ފެނުނީ ކޮވިޑްގެ 93 ކޭހެވެ. ކޮވިޑް އެންމެ ބޮޑަށް ފެތުނު މާލޭގެ އަދަދަކީ މީގެ ތެރެއިން 50 އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި އިއްޔެ ހަވީރު ހަޔަކުން، މިއަދު ހަވީރު ހަޔަކާ ހަމައަށް 3،516 ސާމްޕަލް ޓެސްޓު ކުރި އިރު، މާލޭ ސަރަހައްދުން ޕޮޒިޓިވްވީ، އޭގެ ތެރެއިން 50 މީހުން ކަމަށެވެ. އެހެން ދުވަސް ދުވަހާ އަޅާބަލާއިރު، މިއީ މަދު އަދަދެކެވެ.
އެކަމަކު ރަށްރަށުން ބަލި ޖެހުނު މީހުންގެ އަދަދު، މިއަދު ވަނީ 21 އަށް އަރައިފަ އެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 22 މީހެކެވެ.
ކޮވިޑްގެ ބަލި މީހުންގެ ގޮތުގައި މިހާރު ރާއްޖޭގައި ތިބީ 2،990 މީހުންނެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް ވަނީ 72 އަށް ތިރިވެފަ އެވެ. މި ބަލީގައި ރާއްޖޭގައި މިހާތަނަށް 67 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ، އެޅި ގިނަ ހަރުކަށި ފިޔަވަޅުތައް، ރޯދަ މަހާ ގުޅިގެން މިހާރު ވަނީ ލުއިކޮށްފަ އެވެ.