12 އެޕްރީލް 2021 - 19:07

މަސް ނިމޭއިރު ފޯނުގައި ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގައި ވެސް ބޭނުން ކުރެވޭ ގޮތް އުރީދޫން ހަދައިފި އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވައި، އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މި ބަދަލު ގެނައީ މި މަހުން ފެށިގެން ކަމަށެވެ. އުރީދޫ ޕޯސްޓްޕެއިޑްގެ 600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ މިހާރު އަނެއް މަހުގައި ވެސް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ މިއޯ=ީ ގިނަ ދިރާސާތަކެއް ކުރުމަށް ފަހު ގެނައި ބަދަލެއް ކަމަށެވެ. ޕޯސްޓްޕެއިޑްގެ 600ރ. އިން ދަށުގެ ޕެކޭޖުތަކަށް މި ހިދުމަތް ނުދެނީ މަސް ނިމޭއިރު އެ ޕެކޭޖުތަކުގައި އިތުރު ޑޭޓާ ނުހުންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސުޕަނެޓް ޕެކޭޖުތަކަށް ވެސް މި ހިދުމަތް ނުދެނީ މި ސަބަބާހުރެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން 600 އަށް ވުރެ ކުޑަ ޕެކޭޖުތަކުގައި ނުހުރޭ ބާކީ ޑޭޓާއެއް. އެހެންވެ އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރީ ބޮޑެތި ޕްލޭންތަކަށް މި ހިދުމަތް ދޭން. މިއާއެކު 600 އިން މަތީގެ ޕެކޭޖުތައް ނަގާފައި ތިބި ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ މެއި މަހު ވެސް ބޭނުން ކުރެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.
އުރީދޫގެ ޕޯސްޓްޕެއިޑް ދެ ޕްލޭން ކަމަށްވާ "ވަރަށް ތަފާތު" އަދި "އެކު"ގެ ޕެކޭޖުތަކުގެ ތެރެއިން 600ރ. އިން މަތީގެ ޕެކޭޖުތަކަށް މި ހިދުމަތް ލިބޭނެ އެވެ.
މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހު ވެސް ބޭނުން ކުރެވޭގޮތް ހެދުމަކީ ވަރަށް ގިނަ ބަޔަކު އެދެމުން އައި ކަމެކެވެ.