14 އެޕްރީލް 2021 - 08:42

އެޕަލް ކުންފުނީގެ އާ އިވެންޓެއް ބާއްވާނެ އިރަކާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ދިނުމުގެ ކުރިން ކުންފުނީގެ ވޮއިސް އެސިސްޓަންޓް ސިރީ މި މަހުގެ 20 ގައި އިވެންޓް އޮންނަކަން ވަނީ ހާމަކޮށްފަ އެވެ. ރަސްމީކޮށް އެކަން ހާމަކުރީ ސިރީއަށް ވުރެ ފަހުންނެވެ.
އެޕަލް އިވެންޓެއް ދެން އޮންނާނީ އިރަކުންތޯ ސުވާލުކުރުމުން ސިރީ ދޭ ޖަވާބަކީ މިއެވެ؛ ހާއްސަ އިވެންޓް އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު ކެލިފޯނިއާގެ ކަޕަޓީނޯގެ އެޕަލް ޕާކްގަ އެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު އެޕަލް ވެބްސައިޓުން ލިބޭނެ ކަމަށް ވެސް ބުނެ އެވެ.
މި މަހު 20 ވަނަ ދުވަހަށް ދައުވަތު އޮތް ވާހަކަ ބުނެފައި މި ވަނީ މި ފަހުކޮޅު އާ އައިޕެޑް، އެޕަލް އިން ލޯޗްކުރާނެ ކަމަށް ބައެއް މީޑިއާތަކުން ވެސް ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ސިރީ ދިން މައުލޫމާތުގެ ވާހަކަ ބައެއް މީޑިއާތަކުން ޓްވިޓާގައި ހިއްސާކޮށް ބުނެފައި ވަނީ ސިރީން މިއޮތީ އޭގެ އަސްލު ބޭނުން އަންގައި ދީފައި ކަމަށެވެ
އެޕަލް އިން އެންމެ ފަހުން އިވެންޓެއްގެ ވާހަކަ ހިއްސާކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެއީ ކޮންމެ އަހަރަކު ބާއްވާ ބޮޑު އިވެންޓް ކަމަށްވާ ވޯލްޑް ވައިޑް ޑިވެލޮޕާޒް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ބާއްވާނެކަން އިއުލާންކުރުމަށެވެ.
އެ އިވެންޓް އޮންލައިންކޮށް ބާއްވާނީ ޖޫން 7-11 އަށެވެ.