15 އެޕްރީލް 2021 - 08:41

ކުޅެން ފަށާފައި އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން ނުނިމި ދިގުލައިގެން ގޮސްފައި އޮތުމުން ފިލްމުގެ ބަތަލާ ކަރީނާ ކަޕޫރާ ވެސް ގުޅުވައިގެން އާމިރު ޚާން ޖޯކެއް ޖަހައިފި އެވެ.
ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްގައި އަންހެނުން ކިރަން ރާއޯއާ އެކު ވަރަށް ހިނިއައިސްފައި އިނދެގެން އާމިރު ބުނީ މުޅި ދުނިޔެ ކޮވިޑް-19އާ ކުރިމަތިލާން ޖެހިފައިވާ އިރު އެ މީހުންނަށް ފިލްމުގެ މަސައްކަތުގެ ތެރެއިން ކުރިމަތިލާން ޖެހުނީ ހަމައެކަނި ކޮރޯނާ ވައިރަހާ ނޫން ކަމަށެވެ.
"އަހަރެމެންނަށް ކޮރޯނާއާ އެކު ކަރީނާއާ ކުރިމަތިލާން ޖެހުނު. ފިލްމުގެ ޝޫޓްކުރަމުން ދަނިކޮށް މިދިޔަ އަހަރު އޭނަ ބަލިވެ އިނުމުން އަނެއްކާ ވެސް އަހަރެމެންނަށް ލާލް ސިންގް ޗައްޑާގެ މަސައްކަތުގެ މިސްރާބު އެހެން ދިމާއަކަށް ގެންދަން މަޖުބޫރުވި،" ފެބްރުއަރީގައި ދެވަނަ ދަރިފުޅު ވިހޭ ކަރީނާއާ ބެހޭ ގޮތުން އާމިރު ބުންޏެވެ.
ކަރީނާ އާއި ފިރިމީހާ ސައިފް އަލީ ޚާނަށް ދެ ވަނަ ދަރިއަކު ލިބޭކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެއާ އެކު ކަރީނާ ވަނީ އޭނާގެ ބަނޑު ފާޅުވާން ފެށުމުގެ ކުރިން "ލާގް ސިންގް ޗައްޑާ" އަށް ޝޫޓްކުރަން ޖެހޭ މަންޒަރުތައް ނަގައި ނިންމައިދޭން އެދިފަ އެވެ. އަދި އެގޮތަށް ފިލްމުގެ ޓީމުން އެކަން ކޮށް ދީފައިވެ އެވެެ.
ކޮވިޑަށް ޕޮޒިޓިވްވެގެން ދާދި ފަހުން ފަރުވާ ވެސް ހޯދި އާމިރު ބުނީ ފިލްމުގެ މޯޝަން ޕޯސްޓަރުން ދޫންޏެއްގެ ފަތެއް ވައިގެ ތެރޭގައި އެނބުރޭ ތަން ފެންނަ ގޮތަށް "ލާލް ސިންގް ޗައްޑާ" އަކީ އެ މަސައްކަތް ފެށި ފަހުން އެކިއެކި ކަންކަމާ ހެދި އޭގެ މިސްރާބު އެކި ގޮތްގޮތަށް ބަދަލު ކުރަން މަޖުބޫރުވި ފިލްމެއް ކަމަށެވެ.
"މިކަމާ އަހަންނާއި އަދުވައިދަތު [ޑައިރެކްޓަރު އަދުވައިތު ޗަންދަން] ވަރަށް ވާހަކަ ދައްކައި ސަމާސާކޮށް ވެސް ހަދަން." އާމިރު ބުންޏެވެ.
"ލާލް ސިންގް ޗައްޑާ" އަކީ ކުރިން މިދިޔަ ޑިސެމްބަރުގައު ގެނެސްދޭން އުޅުނު ފިލްމެކެވެ. އެކަމަކު އެކަން ނުވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުންނެވެ. އޭގެ ފަހުން އަދިވެސް ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައެއްނުލެވެ އެވެ. އެކަމަކު ފިލްމާ ގުޅުން ހުރި އިތުރު އެހެން މަސައްކަތްތައް މިދިޔަ އަހަރުގެ ލޮކްޑައުންގެ ތެރެއިން ފެށިގެން އަންނަނީ ކުރަމުންނެވެ.
ފިލްމު މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން އަމާޒު ހިފާފައިވާ އިރު "ލާލް ސިންގް ޗައްޑާ" އަކީ 1994 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
މި ފިލްމަކީ އާމިރާއި ކަރީނާ އެކީގައި ފެންނާނެ ތިން ވަނަ ފިލްމެވެ. ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2009 ގެ "އިޑިއަޓްސް" އެވެ. އޭގެ ފަހުން 2012 ގެ "ތަލާޝް" ގައި ވެސް އެކީގައި މަސައްކަތްކުރި އެވެ.
އާމިރު ވަރަށް ފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނީ ކަރީނާ އަކީ އެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އަދި އެހާމެ ރީތި ބަތަލާއެއް ކަމަށެވެ. އެހެންވެ އޭނާ ކުޅޭ ކޮންމެ ފިލްމެއްގެ ބަތަލާއަކަށް ކަރީނާ ވާނެ ނަމައޭ ހިތަށް އަރާ ކަމަށް ބުންޏެވެ.
އާމިރު ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރާ އެކީ ވެސް ފިލްމެއް ކުޅުނެވެ. އެއީ ވަރަށް ކާމިޔާބުވި 1996 ގެ "ރާޖާ ހިންދުސްތާނީ" އެވެ.