އިންޑިއާގެ އެންމެ މުއްސަނދި ސްޓޭޓް ލޮކްޑައުނަށް
އިންޑިއާގެ އެންމެ މުއްސަނދި ސްޓޭޓް ލޮކްޑައުނަށް

ބޮމްބޭ (އެޕްރީލް 14) - ކޮރޯނާވައިރަހުގެ ކޭސްތައް ވަރަށް ބޮޑުތަން އިތުރުވާން ފެށުމާ އެކު އިންޑިއާގެ އެންމެ މުއްސަނދި ސްޓޭޓް އަންގާރަ ދުވަހުގެ ހަވީރުން ފެށިގެން ލޮކްޑައުނަކަށް ހިނގައްޖެ އެވެ.

މަހާރާޝްތުރާ ސްޓޭޓުގައި ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމާ އެކު އޮކްސިޖަން ވެސް މިހާރު ވަނީ ހުސްވުމާ ކައިރީގަ އެވެ.

ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، ދީނީ ފެސްޓިވަލްތައް ބޭއްވުމާއި ސިޔާސީ އެއްވުންތަކާއި ކްރިކެޓް މެޗުތައް ބަލަން މީހުން ވަންނަން ހުއްދަ ދިނުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އިންޑިއާގައި ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑުތަން އިތުރުވެގެން ދިއުމެވެ. މިދިޔަ ހަފުތާގައި ވަނީ ގާތްގަނޑަކަށް އެއް މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ.

މަހާރާޝްތުރާގައި އަލަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަސާސީ ތަކެތި ވިއްކާ ފިހާރަތައް ނޫން ތަންތަނާއި މޯލްތައް ބުދަ ދުވަހުން ފެށިގެން ބަންދުކޮށް އީ-ކޮމާސް ޑެލިވަރީތައް ހުއްޓާލުން ހިމެނެ އެވެ. ބޮލީވުޑުގެ ފިލްތައް ޝޫޓް ކުރުމާއި ޓީވީ ޝޯތަކާއި އިސްތިހާރުތައް ނެގުން ވެސް ވަނީ ހުއްޓާލައިފަ އެވެ. ބާތަކާއި ރެސްޓޯރެންޓްތައް ވަނީ މި މަހު ކުރީކޮޅު ބަންދުކޮށްފަ އެވެ. ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

މި ފިޔަވަޅުތަކާ އެކު މަހާރާޝްތުރާގެ 125 މިލިއަން މީހުންނަށް މި މަސް ނިމެންދެން ތިބެން ޖެހޭނީ ގޭގަ އެވެ. ބޭރަށް ދިއުމުގެ ހުއްދަ އޮންނަނީ ކާބޯތަކެތި ހޯދުމަށާއި ބޭސް ގަތުމަށެވެ.

މަހާރާޝްތުރާގައި އޮކްސިޖަން ލިބެން ދަތިވުމުން ސްޓޭޓުގެ ޗީފް މިނިސްޓަރު އުދާވް ތަކަރޭ މިހާރު ވަނީ އިންޑިއާގެ އެއާ ފޯސް މެދުވެރިކޮށް އެ ސްޓޭޓަށް އޮކްސިޖަން ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހު އެދިވަޑައިގެންފަ އެވެ.

އިންޑިއާގެ 1.3 ބިލިއަން އާބާދީގެ ތެރޭން މިހާތަނަށް ވެކްސިން ދީފައި ވަނީ 108.5 މިލިއަން މީހުންނަށެވެ.