ވަކި މީހަކަށް ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ: ޝަރީފު
ވަކި މީހަކަށް ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ: ޝަރީފު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބާރު ހަމައެކަނި އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި އެއީ، ރައްޔިތުންގެ މަޖިލީހަށް އަދި ގައުމުގެ ރައީސަށް ވެސް އޮތް ބާރެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނުބާއްވައި، މަޖިލީހުން ރައީސަކު ހޮވުމަށާއި 2023ގައި ބޮޑުވަޒީރަކަށް މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ހުންނެވުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވުމާ އެކު ޝަރީފު މިރޭ ވަނީ ރައްދު ދެއްވައިފަ އެވެ. ޝަރީފަކީ، 2008 އިން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ވެސް މެމްބަރެކެވެ.

އޭނާ މިރޭ ފުލުފުލުން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު އުވާލައި އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު ހަމައެކަނި އޮތީ ރައްޔިތުންނަށް ކަމަށެވެ.

"އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް [ގޮތް]. ވީމާ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން. އެއީ ރައީސަކަށް، ރައްޔިތުންގެ މަޖިލިސް އަކަށް ވެސް ނިންމޭނެ ކަމެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ރައްޔިތުން ކަނޑައަޅާ ނިޒާމެއް ބަދަލު ކުރެވޭނީ އަނެއްކާ ވެސް ރައްޔިތުންގެ ވޯޓަކުންނެވެ. ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ކަމެއް "ދެ ތިން މީހަކު ހަމަ ތިބެލާފައި ބަދަލެއް ނުކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ވެރިކަމުގެ ނިޒާމު ބަދަލުކުރީ އެކަކަށް ދައުލަތުގެ އެތައް ވަޒީފާއެއް އޮތުން ރަނގަޅު ކަމެއް ކަމަށް ނުފެނިގެން. މިސާލަކަށް ރައީސުލްޖުމްހޫރިއްޔާ ކަމާއި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރު، ޑިފެންސް މިނިސްޓަރު ކަން އެއް ބޭފުޅަކަށް އޮތުން ރަނގަޅު ނުވެގެން. މަޖިލީހުގެ މެމްބަރު ކަމާއި ޓްރޭޑް މިނިސްޓަރު ކަމާއި އެސްޓީއޯގެ އެމްޑީ ކަން އެއް ބޭފުޅެއް ހުންނެވުމުން ކަމުނުގޮސްގެން،" ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ މެމްބަރުންނަށް މިނިސްޓަރު ކަމަށް ވަޑައިގެންނެވޭނެތީ އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

"އެހެން ގޮތަކަށް ދަންނަވާ ނަމަ އެއް ބޭފުޅަކު އެތައް ވަޒީފާއެއްގައި ހުރުމުން އެފިޝެންސީ ގެއްލި އެތައް ދަތިތަކާ ކުރިމަތި ލާން ޖެހުމުގެ ހިތްދަތިކަން ރައްޔިތުންނަށް އިހުސާސް ވެގެން. އަނެއްކާ ވެސް ނޫ ގާނޫނުއަސާސީ ރުޖޫއަ ވާ ވާހަކަ މި ދައްކަނީ."

ބަރުލަމާނީ ނިޒާމެއްގެ ވާހަކަ މިރޭ މި ފެންމަތިވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ދެންނެވުމާ ގުޅިގެންނެވެ. ނަޝީދު ރައީސަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުގައި ގައުމުގެ ކަންކަން ހިންގުމުގައި އެމަނިކުފާނު އެއްފަރާތް ވެގެން ހުންނަވާކަށް ބޭނުންފުޅެއް ނޫނެވެ. އަދި ވިދާޅުވެފައި ވަނީ ގައުމު ހިންގުމުގެ ތެރޭގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި 2023 ގައި ބަރުލަމާނީ އަށް ބަދަލުކޮށް މިހާރުގެ މަޖިލީހުން ސަރުކާރު އެކުލަވާލަން ބޭނުންފުޅު ކަމަށެވެ.

މިހާރު އަމަލުކުރަން ފަށައިފައިވާ ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި ރިޔާސީ ނިޒާމު ކަނޑައަޅާފައި ވަނީ އާންމު ވޯޓަކަށް ގޮސްގެންނެވެ. ދެހާސް ހަތް ވަނަ އަހަރު ބޭއްވި އާންމު ވޯޓުގައި ރިޔާސީ ނުވަތަ ޕްރެޒިޑެންޝަލް ސިސްޓަމްް ބާއްވަން، 62 ޕަސެންޓް މީހުން ވޯޓު ދިނެވެ. އެއީ 95،619 މީހުންނެވެ.