ފްލައިން ސްކޫލްގެ ދަރިވަރުން ބޭނުންކުރާނެ ބޯޓެއް ނެތް، ކިޔެވުން ވަނީ ހުއްޓިފައި: ޔޫނިއަން
ފްލައިން ސްކޫލްގެ ދަރިވަރުން ބޭނުންކުރާނެ ބޯޓެއް ނެތް، ކިޔެވުން ވަނީ ހުއްޓިފައި: ޔޫނިއަން

ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރުން ބޭނުންކުރާނެ އެއްވެސް ބޯޓެއް ނެތް ކަމަށާއި އެ ތަނުގައި ކިޔަވާ ދަރިވަރުން ކޯސް ފުރިހަމަ ކުރެވޭނެ ގޮތް މިހާރު ހުސްވެއްޖެ ކަމަށް އެ ތަނުގެ ދަރިވަރުންގެ ޔޫނިއަނުން މިއަދު ބުނެފި އެވެ.

އެ ޔޫނިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެތަނުގައި ބޭނުންކުރެވޭނެ އެއްވެސް ބޯޓެއް ނެތް ކަމަށެވެ. އެކަމަކު، އެ ތަނުގައި ކިޔަވާ ދަރިވަރުންނަށް އޭއޭއޭ އިން އަންގާފައި ނުވާ ކަމަށާއި އެކަން އެ ދަރިވަރުންނަށް ކަށަވަރުކޮށް ދިނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފެއް ކަމަށް ބަޔާނުގައި ވެ އެވެ

މިއީ އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރަން ދިމާވެފައިވާ ގޮންޖެހުންތަކަށް އިތުރުވި ބޮޅެއް ކަމަށް އެ ޔޫނިއަނުން މި މައްސަލަ ސިފަކޮށްފައި ވެ އެވެ. މުޅިއެކު 18 މަހުގެ ތެރޭގައި ފުރިހަމަކުރަން ޖެހޭ ކޯހެއް ބައެއް ދަރިވަރުންނަށް ހަތަރު އަހަރުގެ ތެރޭގައި ވެސް ފުރިހަމަކުރެވިފައި ނުވާ ކަމަށް ޔޫނިއަނުން ބުނެ އެވެ.

އެ ތަނުން ބުނިގޮތުގައި، ކިޔެވުން ދިގު ދެމިގެން ދަނީ ދަރިވަރުން ފަރުވާކުޑަކުރާތީއެއް ނޫނެވެ. މައްސަލައަކީ އޭއޭއޭގެ އިހުމާލެވެ.

އެ ދަރިވަރުންނަށް ކުރިމަތިވާ ތަކުލީފްތައް މިދިޔަ އަހަރު އެކި އިދާރާތަކަށް ހިއްސާކުރި ނަމަވެސް އަދި ހައްލެއް ނުލިބޭ ކަމަށް ޔޫނިއަނުން ފާހަގަކޮށްފައި ވެ އެވެ. ދަރިވަރުންނަށް ފުރައްސާރަ ކުރާ މައްސަލަ ތިން މަސް ކުރިން ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި އެވެ. ނަމަވެސް ހައްލެއް ނުލިބޭ ކަމަށާއި ދަރިވަރުންގެ ތައުލީމު ފުރިހަމަ ކުރަން ބޭރަށް ފޮނުވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ނަމަވެސް އަމަލީ ގޮތުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަން އޭގެ ތެރޭގައި ހިމެނެ އެވެ. އަދި އޭއޭއޭ އިން ދަރިވަރުންނާ މެދު އިހުމާލުވެފައިވާ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ނަމަވެސް އަދި ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ޔޫނިއަނުން ބުނެ އެވެ.

އެ ސްކޫލުން އަންނަނީ ދަރިވަރުންނަށް އެކި ގޮތްގޮތުން ޒާތީ ހަމަލާދީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން އަނިޔާ ކުރަމުން ކަމަށް ޔޫނިއަނުން މީގެ ކުރިން ބުނެފައި ވެ އެވެ. އެ ސްކޫލުގައި ކިޔަވާ ދަރިވަރެއްގެ ބޮލުގައި މީހަކު ގަސްދުގައި މަރާލާފައިވާ ކަމުގެ ތުހުމަތު ވެސް މީގެ ކުރިން އަޅުވާފައި ވެ އެވެ.