16 ނޮވެމްބަރ 2016 - 13:55

ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަމަލުކުރަން ފެށުން ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ. މި އިސްލާހު ފާސްވުމާ އެކު، ބިލް ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ.
މި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު ގިނަ މެމްބަރުން ވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނަކީ މިހާރުން މިހާރަށް އަމަލު ކުރަން ޖެހޭ ގާނޫނެއް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކޯޓުތަކުން ކުރަމުން އަންނަ ހުކުމްތަކަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދާއިރު، އިޖްރައާތަކަށް ތަބާނުވެ، ހުކުމް ކުރުން އާންމުވެފައިވާ ކަމަށާއި މީހުންނަށް އަދަބު ދެވެން ޖެހޭނީ އިޖްރައާތަކަށް ތަބާވެގެން ކަން މެމްބަރުން ފާހަގަކުރެއްވި އެވެ.
މިދިޔަ މެއި މަހު ތަސްދީގުކޮށް، އަންނަ ޖެނުއަރީ މަހުުގެ ދެވަނަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭ ޖިނާއީ އިޖްރައާތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ އަންނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭ ގޮތަށެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މިގޮތަށް ހުށަހެޅީ އެ ގާނޫނަށް ފުރިހަމަ އަށް އަމަލުކުރަން ފެށޭނީ ކޯޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ތަންފީޒީ އިދާރާތަކުން އެ ގާނޫނުގައި ބުނާ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްގެން ކަމަށް ވާތީ އެ ޕްރޮގްރާމް ހުރިހާ އިދާރާތަކަށް ހިންގައި ފުރިހަމަކުރުމަށެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނަކީ ޖިނާއީ ކުށުގެ މައްސަލަތައް ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގުމުގެ ހުރިހާ އިޖްރައާތުތަކެއް ބަޔާންކުރާ ގާނޫނެވެ.