އިޓަލީ މީހަކު މަސައްކަތަށް ހާޒިރުނުވެ 15 އަހަރު މުސާރަ ނަގައިފި
އިޓަލީ މީހަކު މަސައްކަތަށް ހާޒިރުނުވެ 15 އަހަރު މުސާރަ ނަގައިފި

އިޓަލީގެ ހޮސްޕިޓަލެއްގެ މުވައްޒަފަކު 15 އަހަރު ވަންދެން މަސައްކަތަށް ހާޒިރުނުވެ، އެކަމަކު އެ މުއްދުގެ ތެރޭގައި ބަރާބަރަށް މުސާރަ ނެގިކަން ފަޅާއަރައި އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދެކުނު އިޓަލީގެ ސިޓީއެއް ކަމަށްވާ ކަޓަންޒާރޯގައި ހިންގާ ޗޭކޯ ހޮސްޕިޓަލްގެ މުވައްޒަފެކެވެ. އޭނާ ވަޒީފާ އަށް ނުކުތުން ހުއްޓާލީ 2005 ގަ އެވެ. އެކަމަކު ފަހުން ހަމަ ގަވައިދުން މުސާރަ ނަގަމުން ގޮސްފައިވެ އެވެ. އެގޮތުން ފާއިތުވި 15 އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި 538،000 ޔޫރޯ (647,967 ޑޮލަރު) ލިބިފައިވެ އެވެ.

މަސައްކަތަށް ހާޒިރުނުވެ، މުސާރަ ނެގި މީހާގެ މައްސަލަ ބަލަމުން ދިޔަ ނަމަވެސް އޭނާގެ އެއްވެސް ވަނަވަރެއް އަދި އަދާކުރާ މަގާމުގެ ނަމެއް ވެސް ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ފަޅާއެރީ އިޓަލީގެ ސިވިލް ސާވިސްގެ މުވައްޒަފުންގެ ހާޒިރީތަކާ ގުޅުން ހުރި މައްސަލަތަކެއް ބެލުމުގެ ތެރޭގަ އެވެ. އެއާ އެކު ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށް މަކަރު ހެދި މުވައްފަޒުން ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަން ފެށީ އެވެ.

މިހާތަނަށް ފުލުހުންނަށް ލިބުނު މައުލޫމާތުތަކަށް ބަލާ އިރު، މުވައްޒަފު މަސައްކަތަށް ހާޒިރުވުން ހުއްޓައިލީ އޭނާގެ މެނޭޖަރަށް ބިރު ދައްކައިގެންނެވެ. އެކަމަކު އެ މެނޭޖަރު ފަހުން މަގާމުން ރިޓަޔާކޮށް ފަހުން މަސްއޫލިއްޔަޔާ ހަވާލުވި މެނޭޖަރަށް ވެސް މަކަރު ހެދި މުވައްޒަފާ ބެހޭ އެއްވެސް މައުލޫމާތެއް އޮތީ ނޭނގި އެވެ.

އެހެންވެ މުވައްޒަފު ހާޒިރުނުވާކަން ހޮސްޕިޓަލްގެ މެނޭޖްމަންޓަށް އެއްވެސް ވަރަކަށް ފާހަގަކުރިފައެއް ނުވެ އެވެ. އެއާ އެކު އޭނާ އަށް މަހުން މަހަށް ބަރާބަރަށް މުސާރަ ލިބެމުން ގޮސްފައިވެ އެވެ.