ވިނަރެސްގެ 10 ޓަވަރުގައި 1344 ފްލެޓް، 2022 ގެ މެއިގައި ނިމޭނެ
ވިނަރެސްގެ 10 ޓަވަރުގައި 1344 ފްލެޓް، 2022 ގެ މެއިގައި ނިމޭނެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" ފްލެޓްތަކުގެ މަސައްކަތް މޭ، 2022 ގައި ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ވިނަރެސްގެ 10 ޓަވަރުގައި 1344 ފްލެޓް، 2022 ގެ މެއިގައި ނިމޭނެ
ވިނަރެސްގެ 10 ޓަވަރުގައި 1344 ފްލެޓް، 2022 ގެ މެއިގައި ނިމޭނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ 13 ބުރީގެ 10 ޓަވަރުގައި ހުންނާނީ 1،344 ފްލެޓެވެ. މިއީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

އެޗްޑީސީން ބުނިގޮތުގައި އެތަނުގައި ހުންނާނީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެއީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.

"މެރީނާ ވިއު އެޕާޓްމަންޓްތަކުން ފެންނާނީ ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލް. އިނާ ވިއު އެޕާޓްމަންޓްތަކުން ފެނިގެން ދާނީ މައި މަގު. އައުޓާ ވިއު އިން ފެންނާނީ ސިޓީ. ސްޓޭންޑާޑް އެޕާޓްމަންޓްތަކަކީ އިމާރާތުގެ މެދު ތެރޭގައި ހުންނަ އެޕާޓްމަންޓްތައް،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެ އެވެ. އެ ތަންތަނުގައި ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ބެލްކަންޏެއް ވެސް ހުންނާނެ އެވެ. ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓެވެ. މި ތަންތަނުގައި ވެސް ތިން ކޮޓަރި ހިމެނޭ ގޮތަށް ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެ އެވެ.

އެޗްޑީސީން ބުނާ ގޮތުގައި މި ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭއިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފަ އެވެ. ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖެހުމާއި ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެ އެވެ. ބަދިގެ ކަބަޑު ސެޓު ވެސް ފާރުގައި ހަރުކޮށްފައި ހުންނާނެ އެވެ. ބެލްކަނި ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށެވެ. ލިވިން ރޫމާއި ކޮޓަރިތަަކުގައި ވެސް އޭސީ ހަރުކޮށްފައި ހުންނާނެ އެވެ. އެކަމަކު އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެ އެވެ.

އެ މަޝްރޫއުގެ ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން، ސީސީޓީވީ، އަދި ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް ހުންނާނެ އެވެ.

އެޗްޑީސީން ބުނާ ގޮތުގައި އެ މަޝްރޫއުގެ ގްރައުންޑާއި ފަސްޓް ފްލޯ ހާއްސަ ކުރެވިފައި ވަނީ ކޮމާޝަލް ކަންކަމަށެވެ. އެތަންތަނުގައި އޮފީސް ސްޕޭސް އާއި ސުޕަމާޓް އަދި ކޮންވީނިއެންޓް ސްޓޯރާއި ކެފޭ ރެސްޓޯރަންޓާއި ޖިމް ހުންނާނެ އެވެ.

އެ މަޝްރޫއުގެ 42 ޕަސެންޓް މަސައްކަތް މާޗު މަހާ ހަމައަށް ނިމިފައިވާއިރު އެޗްޑީސީން ބުނި ގޮތުގައި އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ބެލެވެ އެވެ.

އެޗްޑީސީން ބުނީ، އެތަންތަން ވިއްކަން ހަމަޖެހިފައި ވަނީ ތިން މޮޑެލްއެއްގެ ދަށުން ކަމަށެވެ. އެގޮތުން ލީސް ޓު އޯން މޮޑެލްގެ ދަށުން، އެޕާޓްމަންޓް އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކުމަށް ފަހު، ވިހި އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ. އަދި ޑައުންޕޭމަންޓަށް ވިހި ޕަސެންޓް ދައްކައިފިނަމަ 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.

އޯން އިކުއިޓީ ފައިނޭންސިން މޮޑެލްގެ ދަށުން، ޕްރޮޖެކްޓްގެ އަގު އެއް ފަހަރާ ވެސް ދެއްކޭނެ އެވެ. އަދި ބަހާލައިގެން ޕޭމަންޓް ޝެޑިއުލްގެ ދަށުން ވެސް ފައިސާ ދެއްކޭނެ އެވެ. އެންޑް ޔޫސާ ފައިނޭންސިން މޮޑެލްގެ ދަށުން ބޭންކެއް ނުވަތަ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ލޯނެއްގެ ދަށުން އެޕާޓްމަންޓް ގަނެވޭނެ އެވެ.

އެޗްޑީސީން ބުނީ އޯން އިކުއިޓީ ނުވަތަ އެންޑް ޔޫޒާ މޮޑެލް ބޭނުންކުރާނަމަ ދިހަ ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށެވެ.

މެރީނާ ވިއު:

- ލީޒް ޓު އޯން މޮޑެލް: 172 އެޕާޓްމަންޓް ހުންނާނެ.

- ޓޮޕް ފްލޯގައި 64 އެޕާޓްމަންޓް ހުންނާނެ - އަގު 2.73 މިލިއަން މިލިއަން ރުފިޔާ

- މިޑް ފްލޯގައި 80 އެޕާޓްމަންޓް ހުންނާނެ - އަގު 2.62 މިލިއަން ރުފިޔާ

- ލޯވާ ފްލޯތަކުގައި 28 އެޕާޓްމަންޓް - 2.6 މިލިއަން ރުފިޔާ

އައުޓާ ވިއު:

- ޖުމްލަ 372 އެޕާޓްމަންޓް ހުންނާނެ، ޓޮފް ފްލޯތަކުގައި 96 އެޕާޓްމަންޓް، އަގު 2.7 މިލިއަން ރުފިޔާ

- މިޑް ފްލޯގައި 112 އެޕާޓްމަންޓް، އަގަކީ 2.62 މިލިއަން ރުފިޔާ

- ލޯވާ ފްލޯތަކުގައި 164 އެޕާޓްމަންޓް - އަގު 2.6 މިލިއަން ރުފިޔާ

އިނާ ވިއު:

- 352 އެޕާޓްމަންޓް ހުންނާނެ

- ޓޮޕް ފްލޯތަކުގައި ހުންނާނީ 96 އެޕާޓްމަންޓް - 2.6 މިލިއަން ރުފިޔާ

- މިޑް ފްލޯތަކުގައި 128 އެޕާޓްމަންޓް - 2.62 މިލިއަން ރުފިޔާ

- ލޯވާ ފްލޯތަކުގައި 128 އެޕާޓްމަންޓް - 2.6 މިލިއަން ރުފިޔާ

ސްޓޭންޑާޑް ވިއު (ޖުމްލަ 448 އެޕާޓްމަންޓް)

- ޓޮފް ފްލޯގައި 128 އެޕާޓްމަންޓް - އަގަކީ 2.59 މިލިއަން

- މިޑް ފްލޯގައި 160 އެޕާޓްމަންޓް - 2.57 މިލިއަން ރުފިޔާ

- ލޯވާ ފްލޯ 160 އެޕާޓްމަންޓް - 2.54 މިލިއަން ރުފިޔާ

އެޗްޑީސީން ބުނި ގޮތުގައި މި އެޕާޓްމަންޓްތައް ގަންނަ މީހުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ވެސް ފުރިހަމަވާން ޖެހެ އެވެ. އެގޮތުން 18-60 އަހަރާ ދެމެދުގެ މީހުންނަށް އެ ފުރުސަތު ދޭން ނިންމާފައިވާއިރު އެޗްޑީސީން ބުނީ، އެޕްލިކެންޓާ ކޯ އެޕްލިކެންޓްގެ މުސާރަ ހިމަނާނަމަ، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ދާއިމީ ވަޒީފާއެއްގައި އުޅުނު ބަޔަކަށް ވުން ފަދަ ޝަރުތައް ހިމެނެ އެވެ.