މޫދަށް ފުންމާލެވުނު ގޮތަކުން ޓޫރިސްޓަކު ވަގުތުން މަރު!
މޫދަށް ފުންމާލެވުނު ގޮތަކުން ޓޫރިސްޓަކު ވަގުތުން މަރު!

ބ. ފުޅަދޫގައި ޓޫރިސްޓަކު ފާލަންމަތީގައި ހުރެފައި މޫދަށް ޖެހި ޑައިވަކާ އެކު ކުއްލިއަކަށް މަރުވެއްޖެ އެވެ.

އެރަށު ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވި ގޮތުގައި މަރުވެފައި ވަނީ ޔޫކްރެއިންގެ، އުމުރުން 62 އަހަރުގެ ފިރިހެނެކެވެ.

އެ މީހާއަކީ އޭނާގެ އަންހެނުންނާއި ކޮއްކޮއަކާ އެކު އެރަށުގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން އައި މީހެކެވެ.

އާސިފް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 6:30 ހާއިރު އެ މީހުން މޫދަށް ގޮސް ތިބީ ރަށުގެ ފާލަން ސަރަހައްދަށެވެ. އަދި އެ ވަގުތު އެ މީހުންނާއި ރަށުގެ ބައެއް މީހުން ވެސް ފާލަން މަތީގައި ތިއްބެވެ.

"އެ ސަރަހައްދަކު ގަލެއް ވެސް ނޯންނާނެ. ފާލަމުން މޫދަށް ޖަމްޕެއް ޖެހީ. ބޯ ގޮސް ވެލިގަނޑުގައި ޖެހުނު ގޮތަށް މަރުވީ،" އޭނާ ވިދާޅުވި އެވެ.

އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން، ޓޫރިސްޓުގެ ހަށިގަނޑުގައި އަނިޔާއެއް ނެތެވެ.

އާސިފް ވިދާޅުވީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ދިހަ މިނެޓްގެ ތެރޭގައި އެ މީހާ، ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އޭރު ވެސް އޮތީ މަރުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު މަަސައްކަތް ކުރަމުންދަނީ އޭނާގެ ހަށިގަނޑު މާލެއަށް ފޮނުވުމުގެ މަސައްކަތެވެ.