29 އެޕްރީލް 2021 - 00:38

ކޮވިޑް-19ގެ ހާލަތު އަނެއްކާވެސް ގޯސްވެ، ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ރާސްލާފައި ގޮސް 10 ޕަސެންޓަށް ވުރެ މައްޗަށް އަރައިފި އެވެ.

ރާއްޖެ އިން 24 ގަޑި އިރު ތެރޭ ރެކޯޑު އަދަދުތަކުން ކޭސްތައް ފެންނަމުންދާ މި ދަނޑިވަޅުގައި، ޓެސްޓުކުރާ ސާމްޕަލްތަކުގެ ނިސްބަތުން ވެސް ޕޮޒިޓިވްވަމުން ދަނީ އިންތިހާ އަށް މަތީ އަދަދުތަކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ކޮވިޑްގެ ޕޮޒިޓިވިޓީ ހޯމައިގައި 10 ޕަސެންޓަށް އެރުމަށް ފަހު އަންގާރަ އާއި އިއްޔެ ވެސް 11.7 ޕަސެންޓު ވަނީ ޕޮޒިޓިވްވެފަ އެވެ.
އެވްރެޖުކޮށް ޕޮޒިޓިވްވާ ނިސްބަތް 5 ޕަސެންޓަށް ވުރެ ދަށުގައި ބެހެއްޓުމަކީ ކޮވިޑް ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ މުހިއްމު އަމާޒެކެވެ.
މި މަހުގެ އެކި ހަފްތާތަކުގެ އެވްރެޖަށް ބަލާ އިރު ވެސް، ކުއްލި އިތުރުވުމެއް ވަނީ އައިސްފަ އެވެ. ފުރަތަމަ ތިން ހަފްތާގައި ކޭސްތައް ފެނިފައި ވަނީ 3-5 ޕަސެންޓު ރޭޓުގަ އެވެ. އެކަމަކު ހަތަރުވަނަ ހަފްތާގެ އެވްރެޖު ޕޮޒިޓިވިޓީ ވަނީ ގާތްގަނޑަކަށް 9 ޕަސެންޓަށް އަރައިފަ އެވެ.
ޕޮޒިޓިވް ނިސްބަތް އާދަޔާހިލާފަށް މަތިވުމުގެ އިތުރުން މީހުން މަރުވާ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
އާދަޔާހިލާފު ބާރުމިނުގައި ކޮވިޑް ފެތުރެމުންދާތީ ނޫސްވެރިން މިދިޔަ ދެތިން ދުވަހު ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވަކި ޖަވާބެއް ނުދެ އެވެ. އަދި އެހެން ފަހަރުތަކުގައި ކޭސްތައް އިތުރުވުމުން ނޫސް ކޮންފަރެންސްތައް ބޭއްވި ނަމަވެސް މި ހަފްތާއަކު އަދި ނުބާއްވަ އެވެ. އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރީ މިދިޔަ ބުރާސްފަތިދުވަހު އެވެ. އެކަމަކު މިއަދު ނޫސް ކޮންފަރެންސެއް ބާއްވާނެ ކަމަށް، އެޗްއީއޯސީގެ ފަރާތުން ވާހަކަދައްކަވާ ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ރޭ ވިދާޅުވި އެވެ.
ކޮވިޑް އަނެއްކާވެސް ކޮންޓްރޯލުން ނައްޓާލާފައި މި ވަނީ މި މަހު 1 އިން ފެށިގެން ދިން ލުއިތަކާއި މި މަހު 10ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން ނުކުތުމާ ގުޅިގެން ކަމަށް ބެލެވެ އެވެ. ކޮވިޑް ޖައްސާ ވައިރަހުގެ ވޭރިއަންޓުތައް ގިނަވެ އެ ވޭރިއަންޓުތަކުން ކުރިއަށް ވުރެ މާ ހަލުވިކޮށް ބަލި ފަތުރަމުން ދިޔުމަކީ ބަލި ކޮންޓްރޯލްކުރުމުގައި ގައުމުތަކަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
މި މަހު 13ގައި ރޯދަމަސް ފަށަން މާހެފުންތައް ބޭއްވުމާއި ރޯދަވީއްލުންތަކާ ގުޅިގެން ރާއްޖޭގައި ކޭސްތައް އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ.