އިންޓަ ލީގު ކާމިޔާބުކުރުމާ ގާތަށް
އިންޓަ ލީގު ކާމިޔާބުކުރުމާ ގާތަށް

މިލާން (2 މެއި) - ކްރޮޓޯނޭގެ މައްޗަށް 2-0 އިން ކުރި ހޯދައި، އިޓާލިއަން ސޭރިއާގެ ޗެމްޕިއަންކަން ހޯދުމާ އެންމެ ޕޮއިންޓަކާ ގާތަށް އިންޓަ މިލާނުން ރޭ ޖެހިލައިފި އެވެ.

އިންޓަ އެއް ވަނައިގައި އޮތީ، 14 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު އެވެ. އެ ޓީމަށް ލިބިފައި ވަނީ 82 ޕޮއިންޓެވެ. ކުރިން ދެ ވަނައިގައި އެޓަލާންޓާ މިރޭ ސަސުއޯލޯ އާ ދެކޮޅަށް ކުޅޭ މެޗުން ބަލި ވެއްޖެނަމަ، 10 އަހަރު ތެރޭ އިންޓައަށް ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބިގެންދާނެ އެވެ. އިންޓަ އަށް ޕޮއިންޓެއް ހޯދައިގެން ވެސް ލީގު ލިބެ އޮތީ "ހެޑް ޓް ހެޑް" އިން އެޓަލާންޓާގެ މައްޗަށް އިންޓަ ކާމިޔާބު ހޯދާފައި ވުމުންނެވެ. މިހާރު ދެ ވަނައިގައި އޮތީ ބެނެވެންޓޯގެ މައްޗަށް ރޭ 2-0 ން މޮޅުވި މިލާން އެވެ.

ރޭގެ މެޗުން ބަލިވެ ކްރޮޓޯނޭ ވަނީ ރެލިގޭޓްވެފަ އެވެ. މެޗުގައި އިިންޓަ އަށް ލިޑު ނަގައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ކްރިސްޓިއަން އެރިކްސަން އެވެ. ސްޓެފާނޯ ސެންސީގެ ބަދަލުގައި ކުޅެން ނިކުތްތާ ތިން މިނެޓް ތެރޭގައި އެރިކްސަން ވަނީ އިންޓައަށް ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

ދެ ވަނަ ލަނޑު އަޝްރަފް ހަކީމީ ކާމިޔާބު ކުރީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ދެ ވަނަ މިނެޓްގަ އެވެ.