05 މެއި 2021 - 12:44

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަނެއްކާ ވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މީގެ ނުވަ އަހަރުކުރިން އުފެއްދި އެޖެންސީގެ ހާލަތާ ގުޅޭގޮތުން ދަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އެގޮތުން، ފަރުވާ ހޯދަން ދިގު ކިއުއެއް އޮތުމާއެކު އެކަށީގެންވާ ޒަމާނީ ފަރުވާ ނުލިބުން ހިމެނެ އެވެ.
އެ މައްސަލަތަކަށް ހައްލު ހޯދުމަށް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް، ސަރުކާރުގެ މަގާމުތަކަށް މިއަދު ގެނައި ބަދަލުތައް ހިއްސާކުރައްވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.
ރާއްޖޭގައި 1977 ވަނަ އަހަރު އަމަލުކުރަން ފެށީ މަސްތުވާތަކެއްޗާ ބެހޭ އެންމެ ފުރަތަމަ ގާނޫނު ފަރުމާކޮށްފައި އޮތީ، މަސްތުވާތަކެތި ބޭނުންކުރުމަކީ ބޮޑު ކުށެއްގެ ގޮތުގައި ދެކި އަދަބުދޭ ގޮތަށެވެ. އެކަމަކު އާ ގާނޫނު ގަބޫލުކުރަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއެކޭ އެއްގޮތަށް މަސްތުވާތަކެތި ނެގުމަކީ ސިއްހީ ފަރުވާ ދޭންޖެހޭ ކަމެއްގެ ގޮތުގަ އެވެ.
އެހެންވެ އެންޑީއޭ އުފައްދައި އެކި ފަރުވާތައް ދިނުމަށް ގާނޫނުގައި ލާޒިމްކޮށްފައި ވެ އެވެ. އެކަމަކު އެތައް އަހަރެއް ވީއިރު ވެސް އޭގެ ތެރެއިން ބައެއް ފަރުވާތައް ނުފެށި ސެންޓަރުތައް ވުޖޫދަކު ނެތެވެ.
އެންޑީއޭގެ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރިއިރު، އެ އެޖެންސީ ބަދަލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
"ހޭންޑްސް ޓުގެދާ" ޖަމިއްޔާއިން އިސްވެ ތައްޔާރުކުރި ޕެޓިޝަންގައި ބުނެފައިވަނީ މަސްތުވާތަކެތީގެ ސަބަބުން މުޅި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރަން އެންޑީއޭ ނުކުޅެދިފައިވާ ކަމަށެވެ.