"ބޭފިކްރޭ" އަކީ އަހަންނަށް އުފެއްދި ފިލްމެއް: ރަންވީރު
"ބޭފިކްރޭ" އަކީ އަހަންނަށް އުފެއްދި ފިލްމެއް: ރަންވީރު

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާ މީގެ ކުރިން ޑައިރެކްޓްކޮށްފައިވާ ހުރިހާ ފިލްމެއްގައި ވެސް ބަތަލުގެ ބައި ކުޅެފައިވަނީ ޝާހްރުކް ޚާނެވެ. ނަމަވެސް އޭނާ މިހާރު ޑައިރެކްޓްކުރަމުންދާ "ބޭފިކްރޭ" މި ލިސްޓުން އިސްތިސްނާކޮށް އޭނާ އެ ފިލްމު ދީފައި ވަނީ ރަންވީރު ސިންގަށެވެ.

"ބޭފިކްރޭ" ކުޅެން ލިބުމުން ރަންވީރު ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ރަންވީރް ޝާހްރުކްގެ އިމަށް ވަދެފައިވާ ކަމަކަށް އޭނާ އެއްބަހެއް ނުވެ އެވެ.

ރަންވީރު ބުނި ގޮތުގައި އޭނާ އެއްވެސް މީހެއްގެ ކަމަކާ ނުބެހެ އެވެ. އަދިތުޔާ ޗޯޕްރާ ބޭނުންވީ "ބޭފިކްރޭ" ގައި ލީޑް ރޯލު އޭނާ ކުޅުމަށް ކަމަށާއި އެ ފިލްމުގެ ސްކްރިޕްޓް ލިޔަން ފެށި ހިސާބުން ފެށިގެން ވެސް އޭނާ އެ ފިލްމާ ގުޅިފައިވާ ކަމަށް ރަންވީރު ބުންޏެވެ.

"ބޭފިކްރޭ"ގެ "ޔޫ އެންޑް އައި" ލަވަ ލޯންޗުކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަ ދައްކަމުން ރަންވީރު ބުނީ އަދިތުޔާ ޗޯޕްރާ އަކީ ވަރަށް މަދުން ފިލްމު ޑައިރެކްޓްކުރާ މީހަކަށް ވާއިރު އޭނާގެ ފިލްމެއްގައި ލީޑް ރޯލު ކުޅެން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މިހާރު ބޮލީވުޑް ފިލްމުތައް އުފައްދާ ހުރިހާ ޑައިރެކްޓަރުންނަކާ އެކުވެސް މަސައްކަތްކުރަން ރަންވީރު ބޭނުންވެ އެވެ. އަދި މިހާތަނަށް ސަންޖޭ ލީލާ ބާންސާލީ އާއި އަދިތުޔާ ޗޯޕްރާއާ އެކު މަސައްކަތް ކުރެވުނު މަދު އެކްޓަރުންގެ ތެރޭގައި އޭނާ ހިމެނިފައިވާތީ ރަންވީރު ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ. ކުރިން މި ޝަރަފު ލިބިފައިވަނީ ހަމައެކަނި އަމީތާބު ބައްޗަން އަށާއި ޝާހްރުކް ޚާނަށެވެ.