މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 400،000 އަށް
މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 400،000 އަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 400،000 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 401،361 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 18،586 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައި ޓޫރިސްޓުންގެ އަދަދު މަދުވީ ކޮވިޑް-19އާ ގުޅިގެން އެ އަހަރުގެ މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުންނެވެ.

މިދިޔަ އަހަރާ އަޅާ ބަލައިރު މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 262،422 ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ. އެ ގައުމުން މިހާތަނަށް 90،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު މިއީީ ރާއްޖެ އަށް މިހާތަނަށް އައި ޓޫރިސްޓުންގެ 22.5 ޕަސެންޓެވެ.

އެކި ގައުމުތަކުގައި އަނެއްކާ ވެސް ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން މިހާރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވާން ފަށައިފަ އެވެ. މިދިޔަ މަހު އެވްރެޖުކޮށް ދުވާލަކު 3،040 ޓޫރިސްޓުން އައި ނަމަވެސް މި މަހު އެވްރެޖުކޮށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 2،898 އަށް ދަށްވެފަ އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވާން ފެށީ އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ދަށްވުމުންނެވެ. އެ ގައުުގައި ކޮވިޑް-19ގެ ހާލަތު މާބޮޑަށް ގޯސްވުމުން ރާއްޖެ އިން ވަނީ އިންޑިއާގެ ޓޫރިސްޓުންނަށް ގެސްޓު ހައުސްތަކުގައި ނުތިބެވޭ ގޮތަށް ހަދައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާ ކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.