08 މެއި 2021 - 00:44

ރާއްޖޭގައި ކޮވިޑް-19 ގެ އާ ސްޓްރެއިންއެއް ނުވަތަ ވައްތަރެއް އެބަ އުޅޭ ކަމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ކްލިނިކަލީ ބަލާއިރު ރާއްޖޭގައި އާ ސްޓްރެއިންއެއް އެބަ އުޅެ އެވެ. އެކަމަކު ޓެސްޓްތަކުގެ ނަތީޖާ ނުލިބޭތީ، ރާއްޖޭގައި އާ ސްޓްރެއިންއެއް އުޅޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން އިއުލާނެއް ނުކުރެ އެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ އާ ސްޓްރެއިން، މާ ނުރައްކާތެރި ކަމަށެވެ. އެގޮތުން އާ ސްޓްރެއިން ޖެހުމުން ފުއްޕާމެއަށް މާބޮޑަށް އަސަރުކުރާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މިހާތަނަށް ވެކްސިން ޖަހާފައިވާ މީހުންނަށް އާ ސްޓްރެއިން އިން ކުރާ އަސަރު ކުޑަކަން އަދި ސާފު ނުވާ ކަމަށް ވެސް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
އެހެންވެ، އެންމެން ވެސް އެ މީހުންގެ ކޮންޓެކްޓް ބަބުލް ކުޑަކޮށް، ގިނަގިނައިން އަތް ދޮވުމަށާއި މާސްކް އަޅަައިގެން އުޅުމުގެ އިތުރުން ދުއާކުރުމަށް ޑރ. މުހައްމަދު އަލީ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. މިއަދު ވެސް 766 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިހެންކަމުން، މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ބައްޔަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވެސް މިހާރު އުޅެނީ 205 ގަ އެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުންްދާތީ ފިޔަވަޅުތައް ވެސް އަންނަނީ ހަރުކަށި ކުރަމުންނެވެ.