08 މެއި 2021 - 18:53

ތެހެރާން (މެއި 8) - އިޒްރޭލަކީ ގައުމެއް ނޫން ކަމަށާއި އެއީ ޓެރަރިސްޓް ހާއްޔެއް ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އަލް ގުދުސް ދުވަސް ފާހަގަކުރުމުގެ ގޮތުން އީރާނުގެ ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ޚާމަނާއީ ވިދާޅުވީ ފަލަސްތީނާއި ދުނިޔޭގެ އެހެން ހުރިހާ މުސްލިމް ގައުމުތަކަށް ވެސް އިޒްރޭލަކީ ބިރެއް ކަމަށެވެ.
"އިޒްރޭލާ ދެކޮޅަށް މަސައްކަތް ކުރުމަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުން. އަދި ކޮންމެ މީހަކު ވެސް ކުރަން ޖެހޭނެ ކަމެއް،" ޚާމަނާއީ ވިދާޅުވި އެވެ.
ޚާމަނާއީ ވިދާޅުވީ ޒަޔަނިސްޓް ދައުލަތުގެ ބާރު ކެނޑެމުންދާ ކަމަށެވެ. މުސްލިމް ބައެއް ގައުމުތަކުން އިޒްރޭލާ ގުޅުން ބަދަހި ކުރަމުން ގެންދާތީ ޚާމަނާއީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ މުސްލިމުންގެ އެއްބައިވަންތަކަމަށް ހުރަސް އެޅުން ކަމަށް ވިދާޅުވި އެވެ. އިޒްރޭލާ ގުޅުން ބަދަހިކުރާ ގައުމުތަކަށް ފަލަސްތީނުން ދެކޮޅު ހެދުމަށް ޚާމަނާއީ އިލްތިމާސް ކުރެއްވި އެވެ.
އިޒްރޭލަކީ ދައުލަތެއް ކަމަށް އީރާނުން ގަބޫލެއް ނުކުރެ އެވެ. އެކަމަކު ފެށުނީއްސުރެ އީރާނުން ދަނީ ފަލަސްތީނަށް ތާއީދު ކުރަމުންނެވެ.
އެމެރިކާ މެދުވެރިވެގެން އިޒްރޭލާ ގުޅުން ބަދަހިކުރި ގައުމުތަކުގެ ތެރޭގައި ޔުއޭއީ، ބަހުރޭން، މޮރޮކޯ އަދި ސޫދާން ހިމެނެ އެވެ.