10 މެއި 2021 - 10:15

ކުރިން އަންނަ ޖުލައި މަހު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ސޮނީ ޕިކްޗާޒްގެ "ސިންޑްރެއްލާ" އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ. މިދިޔަ އަހަރުން ފެށިގެން ކޮވިޑާ ހެދި ސިނަމާތަކުގެ ވިޔަފާރި އަށް ބޮޑު ހުއްޓުމެއް އައިސްފައިވެ އެވެ. އަދި އެ ބަލިމަޑުކަމާ އެކު އެންމެ ބޮޑު އަސަރެއް ކުރި އެއް އިންޑަސްޓްރީ އަކީ ވެސް މުނިފޫހި ދާއިރާ އެވެ.
"ސިންޑްރެއްލާ" އަކީ އެ ނަމުގައި ކިޔައި އުޅޭ ހިޔާލީ ވާހަކަ އަށް ބިނާކޮށް ސޮނީން ގެނެސްދޭ ލައިވް-އެކްޝަން މިއުޒިކަލްއެކެވެ. މީގެ ޑައިރެކްޓަރަކީ 2018 ގެ "ބްލޮކާޒް" ގެނެސްދިން ކޭ ކެނަން އެވެ. ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނީ އޭނަ އެވެ.
"ސިންޑްރެއްލާ" ގެ ޓައިޓްލް ރޯލު ކުޅުނީ ލަވަކިޔުންތެރިޔާ ކެމީލާ ކެބެލޯ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ބިލީ ޕޯޓާ، އިޑީނާ މެންޒެލް، ނިކޮލަސް ގެލިޓްޒީން، ޕިއާޒް ބްރޮޒްނަން، ޖޯން މުލަނޭ އަދި ޖޭމްސް ކޯޑެން ހިމެނެ އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިން "ސިންޑްރެއްލާ" ޕްރީމިއާކުރަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.