ހިޔާނާތުގެ ތުހުމަތުވާ މީހުން ވަޒީފާ އިން ވަކިކުރާ ގޮތަށް ރިޕޯޓް ނިންމައިފި
ހިޔާނާތުގެ ތުހުމަތުވާ މީހުން ވަޒީފާ އިން ވަކިކުރާ ގޮތަށް ރިޕޯޓް ނިންމައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަަމަށް ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުގައި ތިބި މީހުން ވަކިކުރަން ހުށަހަޅާ ގޮތަށް 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީން މިރޭ ނިންމައިފި އެވެ.

ޖޮއިންޓް ކޮމިޓީން މާދަމާ ބާއްވާ ބައްދަލުވުމުގައި ފައިނަލް ކުރުމަށް ސަބްކޮމިޓީން މިރޭ އެކުލަަވަލައިލި ރިޕޯޓްގައި އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކިކުރުމަށެވެ. އެގޮތަށް އެއޮތީ އިންތިހާބީ މަގާމުތަކުގަައި ތިބި މީހުން ވަގުތުން ވަކިނުކުރެވޭނެތީ އެވެެ.

ސަބް ކޮމިޓީން މިރޭ އެކުލަވައިލި ރިޕޯޓްގައި މައިގަނޑު އަށް ކަމެއް ކުރަން ހުށަހަޅާފައި އޮތް އިރު މީހުން ވަކިކުރަން އޮތީ ފަސް ވަނައަށެވެ. ހަވަނައަށް އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެ އެވެ.

ރިޕޯޓްގައި ހުރި އެހެން ހުށަހެޅުންތަކުގެ ތެރޭގައި، މިހައިތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުންް ފައިސާ އަނބުރާ ހޯދަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ދެންނެވުމާއި އެކަން ކުރިއަށްދާ ގޮތް މަޖިލީހުން ބެލުން ހިމެނެ އެވެ. ތަހުގީގު ކުރިއަށް ދާއިރު ތުހުމަތުވާ ފަރާތްތަކަށް މިހާރުން މިހާރަށް އެޅެން ހުރި އެހެން ފިޔަވަޅުތައް އެޅުމަށް ވެސް ރިޕޯޓްގައި ހިމަނާފައި ވެ އެވެ.

ސަބްކޮމިޓީން މިރޭ ފައިނަލް ކުރި ރިޕޯޓް ޖޮއިންޓް ކޮމިޓީ އަށް މާދަމާ ހުށަހަޅާނެ އެވެ. އެ ރިޕޯޓް ލިބުމާއި އެކު ލަސްނުކޮށް ފައިނަލްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖޮއިންޓް ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ 281 ފަރާތެއްގެ ނަމާއި މައުލޫމާތު އެސެޓް ރިކަރަވީ ކޮމިޝަނުން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. އެ ލިސްޓް ދިރާސާކުރަން 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އެކުލަވައިލި ޖޮއިންޓް ކޮމިޓީން ފުރަތަމަ ނިންމާފައި އޮތީ ލިސްޓްގެ ސިއްރުކަން ހިފެހެއްޓުމަށާއި މަސްލަހަތު ފުށުއަރާ މެމްބަރުން ކޮމިޓީގަައި ނުތިބުމަށެވެ. އެހެންވެ ދެ ކޮމިޓީން ވެސް ބައެއް މެމްބަރުން ވަނީ ވަކިވެފަ އެވެ.

ޖޮއިންޓް ކޮމިޓީން މާދަމާ ފާސްކުރާ ރިޕޯޓަށް އަމަލީ ސިފަ އަންނާނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް، ފާސްކުރުމުންނެވެ. މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.