ބެލުންތެރިންނަށް ރަނގަޅު ނަމަ "ރާދޭ" ގެ ދެވަނަ ބައެއް ހަދާނަން: ސަލްމާން ޚާން
ބެލުންތެރިންނަށް ރަނގަޅު ނަމަ "ރާދޭ" ގެ ދެވަނަ ބައެއް ހަދާނަން: ސަލްމާން ޚާން

މިއަދު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އަކީ ބެލުންތެރިންނަށް ކަމުދާ ފިލްމަކަށްވެއްޖެ ނަމަ އޭގެ ދެވަނަ ބައެއް ހަދާނެ ކަމަށް ބުނެފި އެވެ.

ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި "ރާދޭ" އަކީ 2009 ގައި ގެނެސްދިން "ވޯންޓެޑް" ގެ ސީކްއެލްއެއްތޯ ތަކުރާރުކޮށް ނޫސްވެރިން ބުދަ ދުވަހު ސުވާލުކުރުމުން ސަލްމާން ބުނީ ދެ ފިލްމެއްގައި ގުޅުމެއް ނެތް ކަމަށެވެ. މި ވާހަކަ ހަމަ މިގޮތަށް އޭނާ މީގެ އަހަރެއް ކުރިން ވެސް ބުނެފައިވެ އެވެ.

"ހަމައެކަނި އެއްގޮތް ކަމަކީ ފިލްމުގެ މައި ކެރެކްޓާ އަށް ރާދޭ ކިޔުން. އެ ނޫން އެއްވެސް އެއްގޮތް ކަމެއް ރާދޭ އާއި ވޯންޓެޑްގައި ނުހުންނާނެ. މީގައި ރާދޭ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ ބޮޑުން ހަމަބިމަށް ގެންނަން މަސައްކަތްކުރާ ކެރެލާގެ ފުލުހެއް،" ސަލްމާން ބުންޏެވެ.

އޭނާ ބުނީ "ރާދޭ" ގެ ޕްލޮޓް ވަރަށް ވަރުގަދަވާނެ ކަމަށާއި ފިލްމަކީ ހުރިހާ ރަހައެއް ހެޔޮވަރުކޮށް، ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބަލަން ކަމުދާ ކަހަލަ މަސާލާ ފިލްމަކަށް ވާނެ ކަމަށެވެ.

"އެހެންވެ އަހަރެމެން ނިންމައިގެން ތިބީ ބެލުންތެރިންނަށް ފިލްމު ކަމުގޮސްފި ނަމަ ރާދޭގެ ސީކްއެލްއެއް ވެސް ހަދަން." ސަލްމާން ބުންޏެވެ.

"ވޯންޓެޑް" އާއި "ރާދޭ" އާ ގުޅުމެއް ނެތް ކަމަށްބުނި ނަމަވެސް ދެ ފިލްމުގެ ޑައިލޮގްތަކާއި ސަލްމާންގެ ކޮސްޓިއުމްތަކާއި އޭނާގެ ކެރެކްޓާގެ އެޓިޓިއުޑް ހުރީ ޓްރެއިލާ އިން ފެންނަ ގޮތުގައި "ވޯންޓެޑް" ގެ ރާދޭއާ ހަމަ ދާދި އެއްކަހަލަ ގޮތަކަށެވެ. އެ ފިލްމުގައި ވެސް ސަލްމާނަކީ ފުލުހެކެވެ.

"ވޯންޓެޑް" އާއި "ރާދޭ" ވެސް ޑައިރެކްޓްކުރީ ޕްރަބޫދޭވާ އެވެ. "ވޯންޓެޑް" ގެ ބަތަލާ އަކީ އައިޝާ ޓާކިއާ އެވެ. "ރާދޭ" ގެ ބަތަލާ އަކީ ޑިޝާ ޕަޓާނީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ރާދޭ" އަކީ އަސްލު ހަމަ "ވޯންޓެޑް" ގެ ސީކްއެލް އެވެ. ފިލްމުގެ ނަމުގައި "ވޯންޓެޑް" ވެސް ބޭނުންކޮށްފައި ވަނީ އެހެންވެ އެވެ. އެކަމަކު "ރާދޭ" އަކީ "ވޯންޓެޑް" ރަސްމީ ސީކްއެލްގެ ގޮތުގައި ގެނެސްނުދޭން ނުނިންމި ސަބަބަކީ އެ ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި ސަލްމާނާ ދެމެދު މިހާރު ގުޅުމެއް ނެތުމުން އުފެދިދާނެ މައްސަލަތަކަކަށްޓަކަ އެވެ.

ކުރިން ވަރަށް ގާތް އެކުވެރިކަމެއް އޮތް ސަލްމާނާއި ބޯނީގެ ގުޅުން ކެނޑުނީ، ބޯނީގެ ދަރިފުޅު އެކްޓަރު އަރުޖުން ކަޕޫރް ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާންގެ ކުރީގެ އަންހެނުން މަލައިކާ އަރޯރާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އެކަމާ ސަލްމާން ހިތްހަމަނުޖެހިގެން ކަމަށްވެ އެވެ.

ބޯނީ ޕްރޮޑިއުސްކޮށް ސަލްމާން 2005 ގައި ކުޅުނު "ނޯ އެންޓްރީ" ގެ ސީކްއެލް ވެސް ނެހެދިގެން އުޅެނީ މި މައްސަލާގައި އެ ދެ މީހުންގެ މެދުގައި މިހާރު އެއްވެސް ގާތްކަމެއް ނެތުމުން ކަމަށް މީޑިއާތަކުގައި ކުރިން ވަރަށް ބޮޑަށް ވާހަކަތައް ދެކެވިފައިވެ އެވެ.