13 މެއި 2021 - 17:56

ޓިއުރިން (މެއި 13) - ފެރާރީ ކާރެއް ގަންނަން ދާން ވެގެން، ޔުވެންޓަސްގެ ޕްރެކްޓިސް އެ ޓީމުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލުމުން ޓީމުގެ އެހެން ކުޅުންތެރިން ހިތްހަމަ ނުޖެހިއްޖެ އެވެ.

ފެރާރީ ބްރޭންޑްގެ ކާރު ގަންނަން، އިޓަލީގެ މެރަނެލޯ ގައި ހުންނަ، ފެރާރީ ފޯމިއުލާ ވަން ގެ ސެންޓަރަށް ރޮނާލްޑޯ ދިޔައީ ޔުވެންޓަސްގެ މެނޭޖްމަންޓްގެ ހުއްދަ ލިބިގެންނެވެ. އޭނާ އާއެކު ޔުވެންޓަސްގެ ރައީސް އަންޑްރެއާ އަގްނެލީ އާއި ފެރާރީގެ ޗެއާމަން ޖޯން އެލްކަން ވެސް އެތަނަށް ވަޑައިގެންނެވި އެވެ.
އެލްކަން އަކީ އަގްނޭލީގެ އާއިލީ ވިޔާފަރީ ކުންފުނި، "އެކްޒޯރް" ގެ ސީއީއޯ އެވެ. އެ ކުންފުންޏަކީ ޔުވެންޓަސް އާއި ފެރާރީގެ ކޮންޓްރޯލް ވެސް އޮންނަ ކުންފުންޏެވެ.
މެރަނެލޯގެ ފެރާރީ ފޯމިއުލާ ވަން ކުންފުންނިން، 1947 ވަނަ އަހަރުން ފެށިގެން ރޭސް ކާރު އުފައްދަ އެވެ. ރޮނާލްޑޯ ވަނީ އެ ސެންޓަރަށް ކުރި ޒިޔާރަތުގައި ރޭސް ޖެހުންތެރިން ކަމަށްވާ، ޗާލްސް ލެކްލާކް އަދި ކާލޯސް ސައިންޒް އާއެކު ފޮޓޯނަގައި ޔުވެންޓަސްގެ ޖޯޒީ ދީފަ އެވެ. އަދި ރޯނާލްޑޯ އަށް ވަނީ ފެރާރީ ރޯޑް ރޭސް ކާރެއް ދީފަ އެވެ.
ޔުވެންޓަސްގައި މުސާރައިގެ ގޮތުގައި އަހަރަކު 30 މިލިއަން ޔޫރޯ، ރޮނާލްޑޯ ގެއަށް ގެންދެ އެވެ. އަދި ސްޕޮންސާޝިޕާއި އޭނާގެ ބްރެންޑް މެދުވެރިކޮށް ލިބޭ ފައިސާއިން އޭނާއަށް އަހަރަކު 100 މިލިއަނެއްހާ ޔޫރޯ ލިބެ އެވެ.
ރޭ ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރު ވުމަށް ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ޕްރެކްޓިހަށް ރޮނާލްޑޯ ހާޒިރު ނުވުމުން އެ ޓީމުގެ އެހެން ކުޅުންތެރިން ތިބީ އެ ކަމާ ހިތްހަމަ ނުޖެހިފައި ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ރޭ ގެ މެޗުގައި ވެސް ލަނޑު ޖަހައި، ރޮނާލްޑޯ ވަނީ ޔުވެންޓަސްގައި 100 ލަނޑު ހަމަކޮށްފަ އެވެ. އެ ޓީމުގެ ޕައުލޯ ޑިބާލާވެސް ރޭ ޖެހި ލަނޑާއެކު އޭނާވެސް ވަނީ ޔުވެންޓަސް އަށް 100 ލަނޑު ޖަހައި ދީފަ އެވެ.
އެ މެޗުން 3-1 އިން ޔުވެންޓަސް މޮޅުވި ނަމަވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައާ ދެމެދު އެއް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މި ވަގުތު ހަތަރު ވަނައިގައި އޮތީ ނަޕޯލީ އެވެ. ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގެ ޖާގަ ލިބޭނީ ކުރިއަށް އޮތް ދެ މެޗުން ނަޕޯލީ އަށް ޕޮއިންޓް ގެއްލި، ޔުވެންޓަސް ކުރިއަށް އޮތް ދެމެޗު ކާމިޔާބު ކުރުމުންނެވެ.
ޔުވެންޓަސްގައި ރޮނާލްޑޯގެ ކުރިމަގާ ބެހޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ. ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިއްޖެނަމަ ޔުވެންޓަސްގައި އޭނާ މަޑު ކުރުމުގެ ފުރުސަތު ކުޑަ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.