މުސްލިމުން އީދު ފާހަގަކުރުމުގައި، ގުދުސް ކަރުނައިގެ ސައިލެއްގައި!
މުސްލިމުން އީދު ފާހަގަކުރުމުގައި، ގުދުސް ކަރުނައިގެ ސައިލެއްގައި!

މުޅި އިސްލާމީ އުންމަތް މިއަދު ފާހަގަކުރަމުން އެއަންނަނީ، މިއަހަރުގެ އުފާވެރި ފިތުރު އީދު ދުވަހެވެ. މުސްލިމް ރަށްތަކާއި ސަހަރުތަކުން އިވެނީ، އެކަކު އަނެކަކަށް އީދުގެ ތަހުނިޔާ ބަދަލުކުރާ އަޑެވެ. އެންމެން އަވަދިނެތި އުޅެނީ، އީދު ހަދިޔާ ބަދަލުކުރުމުގަ އެވެ. ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި އެކުވެރިންނާއެކު އީދުގެ އުފާ ފާޅުކުރުމުގަ އެވެ.

މުސްލިމުން އީދު ފާހަގަކުރުމުގައި، ގުދުސް ކަރުނައިގެ ސައިލެއްގައި!
މުސްލިމުން އީދު ފާހަގަކުރުމުގައި، ގުދުސް ކަރުނައިގެ ސައިލެއްގައި!

އެންމެ ސަހަރެއް ފިޔަވައެވެ. ލުބްނާންގެ ދެކުނުން، ސީރިޔާ އާއި އުރްދުންގެ ހުޅަނގުން، މިސްރުގެ ސައިނާގެ އިރުން އަދި މެޑްޓެރޭނިއަން ކަނޑުގެ އިރުމަތީ އައްސޭރިފަށަށް ހުޅުވިފައި އޮތް، ފަލަސްތީނޭ ކިޔާ ގައުމުގެ އަލް ގުދުސްއެވެ. އަދި އެ ސަހަރުގެ ވަށައިގެންވާ ރަށްތަކާއި އަވަށްތަކެވެ.

މުސްލިމުން އީދު ފާހަގަކުރުމުގައި، ގުދުސް ކަރުނައިގެ ސައިލެއްގައި!
މުސްލިމުން އީދު ފާހަގަކުރުމުގައި، ގުދުސް ކަރުނައިގެ ސައިލެއްގައި!

ގުދުސްގެ ތެރެއިން އިވެނީ، އެކަކު އަނެކަކަށް އެހީތެރިކަމަށް އެދި ގޮވާ އަޑެވެ. އެންމެން އަވަދިނެތި އުޅެނީ، އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން އަޅާ ބޮންތަކާއި ފޮނުވާ މިސައިލްތަކުން، އަނބިދަރިންގެ ފުރާނަ ސަލާމަތްކޮށް، ހިޔާވަހިކަމެއް ލިބޭނެ އަސްކަންޏެއް ވިޔަސް ފެނޭތޯ އެވެ. އެންމެން ހޯބޯލަވަނީ، އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ، ގާތްތިމާގެ މީހުންނާއި އެކުވެރިން ދިރިތިބި ކަމުގެ ޔަގީންކަމެއް ނެތުމުގެ ހިތާމައިގަ އެވެ.

މުސްލިމުން އީދު ފާހަގަކުރުމުގައި، ގުދުސް ކަރުނައިގެ ސައިލެއްގައި!
މުސްލިމުން އީދު ފާހަގަކުރުމުގައި، ގުދުސް ކަރުނައިގެ ސައިލެއްގައި!

މިއީ، ފަލަސްތީނުގެ ޣައްޒާ އާއި ގުދުސް އަދި ވަށައިގެންވާ ރަށްތަކުގެ މިއަދުގެ ހާލެވެ. ފަލަސްތީނުގެ ރައްޔިތުން، އިސްލާމީ އުންމަތުގައި ރޮއި އާދޭސްކުރަމުން އެދަނީ، ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުން، ފަލަސްތީނުގެ ރައްޔިތުން ސަލާމަތް ކޮށްދިނުމަށެވެ. ނަމަވެސް އެއަޑު އިވޭ މުސްލިމް ވެރިއަކު ނެތެވެ.

މުސްލިމުން އީދު ފާހަގަކުރުމުގައި، ގުދުސް ކަރުނައިގެ ސައިލެއްގައި!
މުސްލިމުން އީދު ފާހަގަކުރުމުގައި، ގުދުސް ކަރުނައިގެ ސައިލެއްގައި!

މުސްލިމް ގައުމުތަކުގެ ވެރިންގެ މިއަދުގެ ހާލަކީ، އިޒްރޭލުގެ އުދުވާނީ ހާމަލާތައް ކުށްވެރިކޮށް ބަޔާނެއް ނުވަތަ ޓުވީޓެއް ޝާއިއުކޮށްލައްވާފައި، އެއަށް ވުރެ ފަށުވި އިބާރާތަކުން، ހުޅަނގުގެ ވެރިންނަށް އީދުގެ ތަހުނިޔާ ފޮނުއްވައި އެ މީހުން ރުއްސައިދިނުމެވެ. މިކަމުގައި ފަލަސްތީނުގެ ވަށައިގެން ތިބި އަރަބި-އިސްލާމީ ގައުމުތައް އުޅެނީ، ލިސްޓުގެ އެންމެ ކުރީގަ އެވެ.

ޔަހޫދީ ވަޒަންވެރިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން، އިޒްރޭލުގެ ސިފައިން ދެމުން އަންނަ އުދުވާނީ ހަމަލާތަކުގައި، ފަލަސްތީނުން މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ. އޭގެ ތެރޭގައި 14 ކުޑަކުދިން ހިމެނެ އެވެ. އަދި 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އިޒްރޭލުގެ އުދުވާނުގެ ދިފާޢުގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން، އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގައި، އިޒްރޭލުގެ ހަ މީހަކު ވަނީ މަރުވެފަ އެވެ. ހަމާސްގެ ހަނގުރާމަވެރިން، އިޒްރޭލުގެ އެކި ސަހަރުތަކަށް 1500 އެއްހާ ރޮކެޓް ފޮނުވާލާފައިވެ އެވެ.

މިހާރު ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނާރެހަކީ، އިރުމަތީ ޤުދުސްގެ އަވަށެއް ކަމަށްވާ ޝައިޚް ޖައްރާޙްގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތަކެއް، އެމީހުންގެ ގޮވެތިގެދޮރު ދޫކޮށް ނުކުތުމަށް، އިޒްރޭލުގެ ކޯޓަކުން ނެރުނު އަމުރުތަކެވެ. އެ އަމުރާ ގުޅިގެން، އެ ސަރަހައްދުގައި އުޅޭ ޔަހޫދީ ވަޒަންވެރިން ވަނީ، އެ ގޯތިތަކުގެ ވަޒަންވެރިން އެ ގޯތިތަކުން ނެރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.

ޤުދުސްގެ އަވަށު ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ޙުކުމްގައި، ޝައިޚް ޖައްރާޙް އަވަށުގެ ހަ އާއިލާއެއް، އެ މީހުންގެ ގޮވެތިގެދޮރުން ނުކުތުމަށް ވަނީ އަންގައިފަ އެވެ. މި ހުކުމް ކުރި އިރު، އެ އާއިލާތައް އެ ގޯތިތަކުގައި ދިރިއުޅޭތާ، ގަރުނެއްވާން ކައިރިވަނީ އެވެ.

ހަމަ އެ ކޯޓުން އޭގެ ކުރިން ކުރި ހުކުމެއްގައި، ޝައިޚް ޖައްރާޙް އަވަށުގެ އިތުރު ހަތް އައިލާއެއް، އެ މީހުންގެ ގޯތި ގެދޮރުން ނުކުތުމަށް ވަނީ އަންގައިފައެވެ. މި ހަތް އާއިލާގައި އެކަނި ވެސް، 17 ކުޑަކުދިންނާއެކު ޖުމްލަ 58 މީހުން ހިމެނެ އެވެ. ކޯޓުގެ މި ހުކުމްތަކާ ގުޅިގެން، އެ މީހުން ގަދަކަމުން އެ ގޯތިތަކުން ނެރެ، އެ ބިންތައް ޔަހޫދީ ވަޒަންވެރިންނާ ހަވާލުކުރުމުގެ ބާރު، އިޒްރޭލު ސިފައިންނަށް ލިބެއެވެ.

ޝައިޚް ޖައްރާޙް އަވަށުން ފަލަސްތީނު މީހުން ބޭލުމުގެ މަސައްކަތަކީ، 1970ގެ އަހަރުތަކުން ފެށިގެން ކުރަމުން އަންނަ ކަމެކެވެ. އެމެރިކާގެ އެހީދޭ ޖަމާއަތްތަކުގެ މާލީ އެހީތެރިކަން ލިބިގެން، ޔަހޫދީ ވަޒަންވެރިންގެ ޖަމްއިއްޔާތައް އިސްނަގައިގެން، މި މައްސަލަ އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅީ 1972 ވަނަ އަހަރުގެ ތެރޭގަ އެވެ.

އޭރުއްސުރެ، އެމެރިކާގެ އެހީގައި ޔަހޫދީ ވަޒަންވެރިން ކުރަމުން އައި މި މަސައްކަތުން ނަތީޖާ ނުކުންނަން ފެށީ، 2002 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއަހަރު ކޯޓުން ކުރި ޙުކުމެއްގެ ދަށުން، ޝައިޚް ޖައްރާޙް އަވަށުން ފަލަސްތީނުގެ 43 މީހަކު ގަދަކަމުން ގެދޮރުން ނެރެ ފައްސައިލި އެވެ. އަދި 2008 ވަނަ އަހަރު ވެސް ދެ އާއިލާއެއް، އަދި 2017 ވަނަ އަހަރު ވެސް އާއިލާއެއްގެ ބަޔަކު ގަދަކަމުން ގެދޮރުން ނެރެ، އެ ގެތަކަށް ޔަހޫދީ ވަޒަންވެރިން ވެއްދި އެވެ.

ޝައިޚް ޖައްރާޙް މި ނަމުގައިވާ ޖައްރާޙްގެ މާނައަކީ، ޑޮކްޓަރު ނުވަތަ އޮޕަރޭޝަން ކުރާ މީހާ އެވެ. މި އަވަށަށް މި ނަން ދެވިފައިވަނީ، ސަލީބީންގެ އަޅުވެތިކަމުން އަލް ޤުދުސް ފަތަހަކުރެއްވި މުސްލިމް ކޮމާންޑަރު، ޞަލާޙުއްދީނުލް އައްޔޫބީގެ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ޙުސާމުއްދީން އަލް ޖައްރާޙީ އަށް ނިސްބަތް ކޮށެވެ. އެއީ އެ އަވަށުގައި އޭނާ ކިޔަވައިދެއްވަން ބިނާކުރެއްވި މަދަރުސާގެ ގޯތި ތެރޭގައި، އޭނާގެ މަހާނަ ހުންނާތީ އެވެ. އެތަން ހުންނަނީ ޒިޔާރަތެއްގެ ގޮތަށެވެ.

މީލާދީން 1865 ވަނަ އަހަރުން ފެށިގެން މީހުން ވަޒަންވެރިވެ އުޅެމުން އަންނަ މި އަވަށަކީ، އިރުމަތީ ޤުދުސްގެ އަވަށްތަކުގެ ތެރެއިން ވެސް މުސްލިމުންގެ އަދަދު އެންމެ ގިނަ އެއް އަވަށެވެ. އަރަބީންނާއި އިޒްރޭލާ ދެމެދު 1948 ވަނަ އަހަރު ހިނގި ހަނގުރާމަ ނިމިގެން ދިޔައިރު، މިއަވަށް އޮތީ، އުރްދުންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޤުދުސްގެ ބައެއްގެ ގޮތުގަ އެވެ.

އެ ހަނގުރާމައިގައި އިޒްރޭލުގެ ބާރުގެ ދަށަށް ދިޔައީ ޤުދުސްގެ ހުޅަނގު ފަޅި އެވެ. އެއާއެކު ގުދުސްގެ ހުޅަނގު ފަޅީގައި އުޅުނު މުސްލިމުން އެ ތަނުން ފައްސައި ބޭރުކުރަން ފެށި އެވެ. އެ ސަރަހައްދުން ފައްސައިލި މުސްލިމުން ރެފިއުޖީންގެ ގޮތުގައި އައީ، އުރްދުންގެ ބާރުގެ ދަށުގައި އޭރު އޮތް، އިރުމަތީ ގުދުސްއަށާއި ހުޅަނގު އައްސޭރިއަށެވެ.

އެތަންތަނަށް އައި ރެފިއުޖީން އެ އަވަށްތަކުގައި ވަޒަންވެރި ކުރުވީ، އުރްދުން ސަރުކާރާއި އދ.ގެ ރެފިއުޖީ އޭޖެންސީއާ ދެމެދު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުންނެވެ. މިއެއްބަސްވުމުގައިވާ ގޮތުން، ރެފިއުޖީންގެ ގޮތުގައި އައި މީހުންނަށް ހަދައިދޭ ހައުސިން ޔުނިޓްތަކުގައި އެމީހުން ދިރިއުޅޭތާ ތިން އަހަރުވުމުން، އެ ގެތައް އެމީހުންގެ ނަމަށް ރަޖިސްޓްރީކޮށްދީ، ރެފިއުޖީ ހައިސިއްޔަތު އެ މީހުންގެ ކިބައިން ވަކިވާނެ އެވެ.

ނަމަވެސް މި އެއްބަސްވުމުގެ ދަށުން، އެމީހުންނަށް ހަދައިދިން ގެތައް އެ މީހުންގެ ނަން މައްޗަށް ބަދަލުނުވެ އުޅެނިކޮށް، 1967ގައި ކުރި ހަ ދުވަހުގެ ހަނގުރާމައިގައި، އުރްދުންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ގުދުސް އިޒްރޭލުން ހިފައި، އުރްދުން ސިފައިން އެ ސަރަހައްދުން ބޭރުކުރި އެވެ. ޝައިޚް ޖައްރާޙްގެ އާބާދީގެ މިހާރުގެ ބޮޑު ޕަސެންޓަކީ، ގުދުސްގެ ހުޅަނގު ފަޅިން ނެރެ ފައްސައިލި ފަލަސްތީނުގެ މުސްލިމުންނެވެ.

އިޒްރޭލާއި އަރަބީންނާ ދެމެދު ސޮއިކުރި ސުލްހައިގެ އެއްބަސްވުންތަކަށް (މިސްރުން 1979 އަދި 2003 ގައި، އަދި އުރްދުންއިން 1994ގައި) ފަހު، ޔަހޫދީ މުލައްދަނޑިއަށް މަސް އެރުވުމަށް އިޒްރޭލުން ފެށި ހަރަކާތަކީ، އަރަބި ގައުމުތަކުންނާއި ވިލާތުގެ ގައުމުތަކުން އަދި އިރުމަތީ ރަޝިޔާއިން، ޔަހޫދީން ގެނެސް ހަރަދު ދީގެން، ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވުމެވެ. އެ ގޮތުން ގެނައި ގިނަ އަދަދެއްގެ ޔަހޫދީން ވަނީ، ޝައިޚް ޖައްރާޙް އަވަށުގައި ވެސް ވަޒަންވެރި ކުރުވައިފަ އެވެ.

ފަލަސްތީނަކީ އަރަބި އިސްލާމީ ޤައުމުތަކެއްގެ މެދުގައި އޮތް އިސްލާމީ ގައުމަކަށް ވިޔަސް، އަދި ގުދުސްއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ހުރި ސަހަރު ކަމަށް ވިޔަސް، އިޒްރޭލުގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލު އާންމެއް ހިންގަމުންދާއިރު، އެ ގައުމުތަކަށް އެމަންޒަރެއް ނުފެނެ އެވެ. ފަލަސްތީނު ރައްޔިތުންގެ ކެކުޅުމާއި ވޭނުގެ އަޑެއް ވެސް ނީވެ އެވެ.

އެއަށް ވުރެ، އަރަބި އިސްލާމީ ގައުމުތައް ޔަހޫދީ ދައުލަތާ އެކު އޮތް ގުޅުން މާ ބޮޑެވެ. އަސްކަރީ ގޮތުން އެންމެ ބާރުގަދަ މިސްރު އޮތީ، 1979 އަދި 2003 ގައި އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. މީގެ ތެރެއިން ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރި ފަހުން، އެމެރިކާއިން އަސްކަރީ އެހީގެ ގޮތުގައި މިހާތަނަށް މިސްރަށް ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރުގެ އެހީ ދީފި އެވެ. އަދި އިގްތިސާދީ އެހީގެ ގޮތުގައި 30 ބިލިއަން ޑޮލަރު ދީފި އެވެ.

ދެން އެންމެ ބާރުގަދަ އެއް ގައުމުގެ ގޮތުގައި ބެލެވޭ އުރްދުނަށްވެސް އެމެރިކާގެ އަސްކަރީ އަދި އިގްތިސާދީ އެހީތެރިކަން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ލިބެމުންނެވެ. ހުސްވި 2020 ވަނަ އަހަރު އެކަނިވެސް، 1.5 ބިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން އުރްދުނަށް ދީފައިވެ އެވެ. މީގެ އިތުރުން، ސީރިޔާ ހަނގުރާމަ ފެށުމާ ގުޅިގެން، ސީރިޔާގެ ރެފިއުޖީންނަށް އެހީވުމުގެ ގޮތުން، ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް، އެމެރިކާއިން އުރްދުނަށް ދެއެވެ.

މިސްރާއި އުރްދުން، އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރީ، އޭރު އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް އެދެ ގައުމުގެ ބިންތަކުން އިޒްރޭލު ފޭބުމުގެ ބަދަލެއްގެ ގޮތުންނެވެ. އެހެންކަމުންނާއި، އަދި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާތަކަށް ހުއްޓުމެއް ނާންނާތީ، މުޅި ދުނިޔެ ވެސް އޭރު ގަބޫލުކުރަމުން އައީ، އިސްލާމީ އިތުރު ގައުމަކުން އިޒްރޭލާއެކު ގުޅުން ނުއުފައްދާނެ ކަމަށެވެ.

ނަމަވެސް ކަން ހިނގީ އެހެނެއް ނޫނެވެ. އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގައި އެއިން ގައުމެއްގެ ބިމުން ކައިވަތެއްހާ މިންވަރުވެސް ނެތެވެ. އިޒްރޭލާ އިންވެގެން އޮތް ގައުމެއް ނޫނެވެ. އިޒްރޭލާއެކު ހަނގުރާމައެއް ކުރި ގައުމެއް ވެސް ނޫނެވެ.

ނަމަވެސް، ހުސްވި 2020 ވަނަ އަހަރުގެ ތެރޭގައި، އަރަބި އިސްލާމީ ހަތަރު ގައުމަކުން އިޒްރޭލާއެކު ސިޔާސީ ގުޅުން ގާއިމުކޮށް، ގާތް އަވައްޓެރިއަކަށް ހަދައިފި އެވެ. އެއީ އެމިރޭޓްސް އާއި ސޫދާނާއި ބަހްރައިނެވެ. އަދި ގުދުސް މިނިވަންކުރުމުގެ މަސައްކަތުގައި މިހާތަނަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރަމުން އައި، އެފްރިކާ ބައްރުގެ އެންމެ ހުޅަނގުގައި އޮތް މަޣްރިބް (މޮރޮކޯ) އެވެ.މިލިސްޓަށް އިސްލާމީ އެހެން ގައުމެއްގެ ނަން އިތުރުވާނީ ކޮން އިރަކުން ކަމެއް ނޭނގެ އެވެ.

މި ގުޅުންތައް އުފެއްދުމުގެ ސަބަބުން، އެ ގައުމުތަކަށް ނުހަނު ގިނަ މާއްދީ ފައިދާތައް ލިބިއްޖެ އެވެ. ނަމަވެސް އުންމަތެއްގެ ގޮތުގައި، އެންމެހައި މުސްލިމުންނަށް އެތައް ޒަޚަމްތަކެއް ލިބިއްޖެ އެވެ.

ބަދަލެއްގެ ގޮތުގައި މޮރޮކޯއަށް ލިބުނު ހަދިޔާއަކީ، އެ ގައުމުގެ ބައެއް ކަމަށްވާ ވެސްޓަން ސަހާރާގައި އަމިއްލަ ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ބަދަވީ ގަބީލާތަކުގެ ގޮވައިލުމަށް އެމެރިކާއިން ދެކޮޅު ހަދައި، ވެސްޓަން ސަހާރާއަކީ މޮރޮކޯގެ ސަރަހައްދެއް ކަމަށް އެމެރިކާ އިއުތިރާފް ވުމެވެ.

އެމިރޭޓްސް އާއި ސޫދާނަށް ލިބުނު ހަދިޔާއަކީ، ބޯފެން ސާފުކުރުމާއި، ބޯފެނުގެ ނިޒާމު ފުޅާކުރުމާއި، ދަނޑުވެރިކަން ފުޅާކުރުމުގައި އިޒްރޭލުގެ ޓެކްނޮލޮޖީ އާއި ތަޖުރިބާ ލިބުމެވެ. އޭގެ އިތުރުން ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމުގައި އިޒްރޭލުން އެހީތެރިވުމާއި، ސަގާފީ ކަންކަމުގައި އެހީތެރިވެދިނުން ހިމެނެ އެވެ.

ނަމަވެސް މި ހުރިހާ ގައުމުތަކަކީ ވެސް، 1967 ވަނަ އަހަރު އިޒްރޭލުން ހިފާފައިވާ އަރަބީންގެ ބިންތަކުން – އޭގެ ތެރޭގައި ގުދުސް ވެސް ހިމެނޭ - އިޒްރޭލު ނުފައިބަނީސް، އިޒްރޭލާއެކު އެއްވެސް އެއްބަސްވުމެއް ގާއިމު ނުކުރުމަށް، ހުވައިކޮށްގެން ތިބި ގައުމުތަކެވެ.

މިއެއްބަސްވުންތައް ގާއިމުކުރުމުން، ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، އަބޫދާބީގެ ވަލީ އަހުދު މުހައްމަދު ބިން ޒާޔިދު އާލް ނަހްޔާން ވިދާޅުވީ، އިޒްރޭލާއެކު އެއްބަސްވުން ގާއިމުކުރުމުގައި އޭނާގެ ހުށަހެޅުމަކަށްވީ، އިޒްރޭލުން ހުޅަނގު އައްސޭރީގައި ހަދަމުންދާ ޔަހޫދީ އާބާދީތައް ހެދުން ހުއްޓައިލުން ކަމަށެވެ.
ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރިތާ ދެތިން މަސް ތެރޭގައި، އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގެ 30 އިންސައްތަ، އިޒްރޭލުގެ ބިމުގެ ގޮތުގައި ހަމަޖައްސާނެ ކަން އިއުލާން ކޮށްފަ އެވެ.

ބަހްރައިނުން އިޒްރޭލާއެކު، ގުޅުން ގާއިމުކުރީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި ސައޫދީ އަރަބިއްޔާއަށް ކޮށްދިން ކަމެއްގެ ގޮތުގަ އެވެ. އިޒްރޭލާއި ސައޫދީ އަރަބިއްޔާއާ އެކު ޑިޕްލޮމެޓިކް ގުޅުމެއް އުފައްދާފައި ނެތަސް، އެ ދެ ގައުމުގެ މެދުގައި މިހާރު ގުޅުން ނެތޭ ބުނާނެ ޖާގައެއް ނެތެވެ. މިހާރުގެ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒްގެ ވެރިކަމުގައި، ފަހަރެއްގައި އެފަދަ އެއްބަސްވުމެއްގައި ސޮއިނުކޮށްފާނެ އެވެ.
ނަމަވެސް، މިހާރު ރަސްކަމުގެ ކިޔޫގައި ހުންނެވި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ރަސްކަން ލިބިވަޑައިގެންފި ނަމަ، އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ.