20 ނޮވެމްބަރ 2016 - 06:10

ދައުލަތުގެ މީޑިއާ ޕީއެސްއެމާ ގުޅިގެން މިދިޔަ މަހު ބާއްވާނެ ކަމަށް އިއުލާން ކުރި މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ފިލްމް އެވޯޑް ހަފުލާއަންނަ އަހަރަށް ފަސްކޮށްފި އެވެ.
އެ ޖަމިއްޔާގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ ޕީއެސްއެމްގެ މަސައްކަތްތައް ވެސް ހުރި ގޮތުން އަންނަ އަހަރަށް އެވޯޑް ހަފުލާ ފަސް ކުރި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމާ ކަމަށެވެ.
އޭނާ ވިދާޅުވީ އެވޯޑް ހަފުލާ ބާއްވާނެ ތާރީހަކާ ދޭތެރޭ ދެން މަޝްވަރާ ކުރާނީ އެމްއެފްއޭ އިން މިހާރު ހުޅުވާލައިފައިވާ ބައި-އިލެކްޝަން އަންނަ މަހު ބާއްވައި، ބޯޑުގެ ތިން މެމްބަރަކު އިންތިހާބުކޮށް، ބޯޑްގެ މެމްބަރުން ހަމަވުމުން ކަމަށެވެ.
މި އަހަރު އެމްއެފްއޭ އެވޯޑް ބާއްވަން ނިންމީ މިދިޔަ އަހަރާއި 2014 ގައި ރިލީޒްވި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެ ދެ އަހަރު ރިލީޒްވީ ޖުމްލަ ނުވަ ފިލްމެވެ.
މުހައްމާ ވިދާޅުވީ އެވޯޑް ހަފުލާ މި އަހަރު ނުބާއްވަން ނިންމި އެއް ސަބަބަކީ، އެވޯޑްގައި ވާދަ ކުރަން ހުރި ފިލްމުތައް މަދު ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރާތީ ކަމަށެވެ.
"އަދި ބައެއް ޕްރޮޑިއުސަރުން ހުށަހަޅާފައި އެބަހުރި ދެ އަހަރުގެ ފިލްމްތައް ބައިވެރިކޮށްގެން އެވޯޑް ބޭއްވުމުގެ ބަދަލުގައި ހަމައެކަނި އެއް އަހަރުގެ ފިލްމުތައް ބައިވެރިކޮށްގެން އެވޯޑް ހަފުލާ ބާއްވަން ވެސް،" އޭނާ ވިދާޅުވި އެވެ. "އެހެން ނަމަވެސް ބޮޑު ހަރަދެއްކޮށްފައި އެވޯޑެއް ބާއްވާ އިރު، ވާދަވެރިކަމާ އެކު ގިނަ ފިލްމުތަކެއް ވާދަ ކުރާ ގޮތަށް އެވޯޑް ބާއްވަން ބޭނުންވާތީ މިހާރު ނިންމާފައި ވަނީ މި އަހަރުގެ ފިލްމުތަކާއި ފާއިތުވި ދެ އަހަރުގެ ފިލްމްތައް ބައިވެރިކޮށްގެން އެވޯޑް އަންނަ އަހަރު ބާއްވަން."
މި އަހަރުގެ މިހާތަނަށް ހަ ފިލްމެއް ރިލީޒްވެފައިވާ އިރު އަދި ދެ ފިލްމެއް ތާވަލްކޮށްފައި އެބަ އޮތެވެ.
އެއީ މި މަހުގެ 30 ގައި ރިލީޒް ކުރާ "ވީ ބޭވަފާ" އާއި އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ "ބައިވެރިޔާ" އެވެ.
* ހުޅުދާން
* 24 ގަޑި އިރު
* އާދޭސް
* އިންސާނާ
* އަނިޔާ
* އެންމެ ފަހު ވިންދާ ޖެހެންދެން
* މިކޮއެ ބައްޕަ ބައޭބައޭ
* ރަންދަރި
* އަހްޝަމް
* އެ ރެއަށް ފަހު
* ނޭނގި ޔާރު ވަކިވީ
* ވާށޭ މަށާއެކީ
* ވަފާތެރި ކެހިވެރިޔާ
* ހާދަރު
* 4426
* ވީ ބޭވަފާ
* ބައިވެރިޔާ
މުހައްމާ ވިދާޅުވީ ތިން އަހަރުގެ ފިލްމްތައް އެއްކޮށްލައިގެން އަންނަ އަހަރު ބާއްވާ އެވޯޑް ހަފުލާއަކީ ވަރަށް ފުރިހަމަ އަދި އެހާމެ ކުލަ ގަދަ ހަފުލާއަކަށް ވެގެން ދާނެ ކަމަށެވެ.