15 މެއި 2021 - 17:11

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަސްޓް ހަމަލައިން އެ މަނިކުފާނު ސަލާމަތްވެވަޑައިގަތަސް، ނަޝީދުގެ ފުރާނަފުޅަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލައިގެންދާ ނުދާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ނަޝީދު ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ.
"މި ފުރުސަތުގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ނަޝީދަށް ހަމަލާ ދިނީ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން، ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ 8:30 ހާއިރު އައިއީޑީއެއް ގޮއްވާލައިގެންނެވެ. މި ހަމަލާގައި ނަޝީދަށް ލިބުނު ސީރިއަސް ޒަހަމްތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ބޮޑެތި ސާޖަރީތަކެއް ހެދުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގެންފަ އެވެ.
މި ނުރައްކާތެރި ހަމަލާގައި ނަޝީދަށް ދިން އަނިޔާތަކުން ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ފޮޓޯތައް އެ މަނިކުފާނުގެ އާއިލާ އިން މިއަދު ވަނީ ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.
ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި ތަހުގީގަށް ބަންދުގައި ބައިތިއްބަން ވަނީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.