15 މެއި 2021 - 23:01

ރާއްޖޭގައި އިތުރު 1007 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި ރޭ އިރުއޮއްސި 6:00 އިން ފެށިގެން މިރޭ 6:00 އާ ހަމަޔަށް 821 މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އެއީ 3159 މީހުން ޓެސްޓު ކޮށްގެން ލިބުނު ނަތީޖާ އެވެ.
އޭގެ ކުރީގެ ބައެއް ސާމްޕަލްތަކާއެކު ޖުމުލަ 1007 އާ ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގައި މިވަގުތު 15،666 މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 260 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންނެވެ.
މިހާތަނަށް 43،782 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، 28،013 މީހުން ވަނީ އެ ބަލިން ފަސޭހަވެފަ އެވެ. އަދި މިހާތަނަށް 94 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.
ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާ ގުޅިގެން ސަރުކާރުން މުޅި ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ އިރު މިއަދު ވަނީ އެ ފިޔަވަޅުތައް އިތުރު މުއްދަތަކަށް ދިގު ދަންމާލައިފަ އެވެ.