ގައުމީ ޓީމު "ހަ ރޯދަ" އަށް، ކޯޗް ނިންމީ ޓްރެނިންގައި ލުއި ދޭން
ގައުމީ ޓީމު "ހަ ރޯދަ" އަށް، ކޯޗް ނިންމީ ޓްރެނިންގައި ލުއި ދޭން

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް ޗައިނާއަށް ފުރުމުގެ ކުރިން ހޮޓެލް ޖެންގައި ކޭމްޕް ކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ރަމަޟާން މަހުގެ ރޯދަ އަށް ފަހު ސުންނަތް ހަ ރޯދަ ވެސް ހިފާތީ ޓްރެއިނިންގައި ކުޅުންތެރިންނަށް ލުއި ދީފި އެވެ.

ގައުމީ ޓީމު "ހަ ރޯދަ" އަށް، ކޯޗް ނިންމީ ޓްރެނިންގައި ލުއި ދޭން
ގައުމީ ޓީމު "ހަ ރޯދަ" އަށް، ކޯޗް ނިންމީ ޓްރެނިންގައި ލުއި ދޭން

ގައުމީ ޓީމު ހޮޓެލް ޖެންގައި ކޭމްޕް ކުރީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޖެހިގެން އައި ދުވަހަކީ، ހަ ރޯދައިގެ ފުރަތަމަ ދުވަހެވެ. ސްކޮޑުގައި 25 ކުޅުންތެރިން ހިމަނައި ގައުމީ ޓީމު ކޭމްޕް ކުރީ ކޮވިޑް-19 އަށް ޓެސްޓް ހެއްދުމަށް ފަހު ނެގެޓިވް ވި ކުޅުންތެރިންނެވެ.

ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހީމް، ބުނީ ޖެންގެ ކޭމްޕްގައި ކުރިއަށް ދަނީ ފިޒިކަލް އާއި ފިޓްނަސް އަދި ރިކަވަރީގެ ޓްރޭނިންތައް ކަމަށެވެ. ފިޓްނަސް އާއި ރިކަވަރީގެ ޓްރޭނިންތައް ލީޑް ކުރަނީ ގައުމީ ޓީމަށް އަލަށް ހަމަޖެއްސި ފިޓްނަސް ކޯޗް ހޮލެންޑް ގާހާޑް ވާމިންކް އެވެ. ހެޑް ކޯޗް މާޓިން ކޫޕްމަން ވަނީ ކުޅުންތެރިން ރޯދައަށް ތިބުމުން ޕްރެކްޓިސްތައް ލުއިކޮށް ގެންދިއުމަށް އޭނާއަށް އަންގައިފަ އެވެ.

"ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ދަނީ ހަ ރޯދަ ހިފަމުން،" ޔާމީން ކިޔައި ދިނެވެ.

"އެހެންވެ ޓްރެއިނިންތައް ގެންދަނީ ވަރަށް ލައިޓްކޮށް ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކަށް ދޮޅުގަޑިއިރުގެ ޓްރޭނިން ކުރިއަށްދާ ގޮތަށް."

ފުރަތަމަ ގުރޫޕް ޓްރޭނިން ކުރިއަށް ގެންދަނީ މެންދުރު ފަހު ދޭކުން 3:30 އަށެވެ. ދެ ވަނަ ގުރޫޕްގެ ޓްރޭނިން 3:30 ގައި ފަށައި ފަހެއް ޖަހާއިރު ޓްރޭނިން ނިންމާލަ އެވެ.

"ޖިމް އާއި ހޮޓެލްގެ ބޯލް ރޫމްގައި ޓްރޭނިންތައް ކުރިއަށް ގެންދަނީ ބޯލްރޫމްގައި ފިޒިކަލް ޓްރޭނިންތައް." ޔާމީން ބުންޏެވެ.

އަންނަ ބުދަ ދުވަހު ޗައިނާއަށް ފުރަންދެން ޓީމު ތިބޭނީ ޖެންގަ އެވެ. ގައުމީ ޓީމުގެ ދަތުރު އަވަސްކުރަން އެފްއޭއެމުން ނިންމީ، މި މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖް ފަސް ކުރުމުންނެވެ. އެ މުބާރާތުގެ ޕްލޭއޮތް ކޮލިފައިން މެޗުގައި ކުޅެން އިންޑިއާގެ ބެންގަލޫރު އެފްސީން ވެސް މާލެ އައިސް ކޭމްޕް ކުރީ ހޮޓެލް ޖެންގަ އެވެ. އެހެންނަމަވެސް އެ ޓީމުގެ ކުޅުންތެރިން ހޮޓަލުން ބޭރަށް ނުކުމެ ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލުމުން ރާއްޖެއިން ކުރިމަތިވި ޕްރެޝަރާ އެކު އޭއެފްސީ ނިންމީ މުބާރާތް ފަސް ކުރުމަށެވެ. އެ ހޮޓެލްގްގައި ކޭމްޕް ކުރި ގައުމީ ޓީމު ކުޅުންތެރިންވެސް ހޮޓަލުން ބޭރަށް ނުނިކުމެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތް ތިން މެޗުގެ ތެރެއިން ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. ސިރިއާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

މި ގުރޫޕްގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެނެވެ. ދެ ވަނައިގައި އޮތް ޗައިނާއިން ހަތަރު މެޗު ކުޅުނު އިރު އެ ޓީމަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ފިލިޕީންސަށް ވެސް ހަތް ޕޮއިންޓެވެ. ގުއާމް އާ ދެކޮޅަށް ކުޅުނު ދެމެޗުން ވެސް މޮޅުވެ ރާއްޖެއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ.