ދިވެހިން އިޒްރޭލުން އެކައްޗެއް ވެސް ބޭނުމެއްނޫން!
ދިވެހިން އިޒްރޭލުން އެކައްޗެއް ވެސް ބޭނުމެއްނޫން!

ފަލަސްތީނު ރައްޔިތުން އެ މީހުންގެ ބިމުން ނެރެލައި ނިކަމެތިކުރުމަށް ފަހު އަނިޔާވެރިކަން ދައްކަމުންދާ އިޒްރޭލާ ދިވެހިން އަބަދުވެސް ދެކޮޅެވެ. އަދި އިޒްރޭލުގެ ލާއިންސާނީ އަމަލުތައް އިތުރުކުރާ ކޮންމެ ވަގުތަކު ފަލަސްތީނާ އެކު ތިބިކަން ދިވެހިން ހާމަކޮށްދީ އިޒްރޭލާ ދެކޮޅަށް އަޑު އުފުލަ އެވެ. އެކަމަކު މިފަހަރު ތަފާތެވެ.

ދިވެހިން އިޒްރޭލުން އެކައްޗެއް ވެސް ބޭނުމެއްނޫން!
ދިވެހިން އިޒްރޭލުން އެކައްޗެއް ވެސް ބޭނުމެއްނޫން!

ރަމަޟާން މަހުގެ ފަހު 10 އާއި އީދު ދުވަހު ވެސް ބޮމުގެ ހަމަލާތައް އޮއްސައި ފަލަސްތީނަށް ކުރިމަތިކުރި ބިރުވެރިކަމާ އެކު މިފަހަރު އިޒްރޭލާ ދެކޮޅަށް އަޑު އުފުލުން މުޅި ދުނިޔޭގައި ވެސް ކުރިއަށް އެބަދެ އެވެ. ރާއްޖޭގައި ވެސް މީގެ އިވެންޓްތައް ރާވަމުން އަންނައިރު އާންމުންގެ ތެރޭގައި މި ހަރަކާތްތަކަށް ތާއީދު ބޮޑެވެ.

ދިވެހިން އިޒްރޭލުން އެކައްޗެއް ވެސް ބޭނުމެއްނޫން!
ދިވެހިން އިޒްރޭލުން އެކައްޗެއް ވެސް ބޭނުމެއްނޫން!

އާންމުންގެ ވިސްނުން ހުރީ އިޒްރޭލާ އެއްވެސް ކަމެއްގައި ރާއްޖޭން އެއްވެސް ގުޅުމެއް ނުބޭއްވުމަށެވެ.

ދިވެހިން އިޒްރޭލުން އެކައްޗެއް ވެސް ބޭނުމެއްނޫން!
ދިވެހިން އިޒްރޭލުން އެކައްޗެއް ވެސް ބޭނުމެއްނޫން!

"ރާއްޖެއަށް މިލިޓަރީގޮތުން ކަމެއް ނުކުރެވުނަސް ފަލަސްތީނުގެ މުސްލިމުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭން ކުރެވިދާނެ ކަންކަން އެބަހުރި. ބޭރުގެ ގައުމުތަކާ ގުޅިގެން، ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރުމާއި ރާއްޖެއަށް އެތަނުގެ ޓޫރިސްޓުން އައުން މަނާކުރުމަކީ ވެސް މިހާރުން މިހާރަށް ކުރެވޭނެ ކަންކަން،" އާއްމުންގެ މީހަކު ބުންޏެވެ.

ރާއްޖެ އާއި އިޒްރޭލާ ދެމެދު އޮތް ވިޔަފާރީގެ، ފާހަގަވާ ވަރުގެ ހަމައެކަނި ގުޅުމަކީ ޓޫރިޒަމެވެ. ސިއްހީ ކަންކަމަށް ބޭނުންވާ ވަރަށް މަދު ބާވަތްތަކެއް، ހާއްސަ ހުއްދައެއްގެ ދަށުން އެތެރެކުރުން ފިޔަވައި އެހެން ތަކެތި އިޒްރޭލުން ރާއްޖެ އެތެރެކުރުން އޮންނަނީ 2014 އިން ފެށިގެން މަނާކޮށްފަ އެވެ.

ރާއްޖެއަށް އިޒްރޭލުގެ ޓޫރިސްޓުން އައުން މަނާކުރުމަށް އާންމުން އެދޭއިރު ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މިކަމާ ގުޅޭ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ. ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި މި މައްސަލައިގައި ރާއްޖޭން އިޒްރޭލާ ދެކޮޅަށް އަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

"އަޅުގަނޑުމެންގެ މުސްލިމް އަހުންނާއި އުހުތުންނަށް އިޒްރޭލުން ދޭ ހަމަލާތަކަށް އެންމެ ބޮޑަށް އަޑު އުފުލަން ޖެހޭ އެއްބަޔަކީ އަޅުގަނޑުމެން. ރާއްޖެއިން ހަމައެކަނި އެކަން ކުށްވެރިކޮށްގެން ތިބެގެން ވެސް ނުވާނެ. އަޅުގަނޑަށް އެނގިގެން ދެން އިޒްރޭލުން އުފައްދާ އަދި އެތަނާ ގުޅުން ހުރި އެއްވެސް އެއްޗެއް ބޭނުން ނުކުރާނަން. އެހެންމީހުން ވެސް އެތަކެތި ހަމަ ބޯއިކޮޓް ކުރަންވީ" އާއްމުންގެ މީހަކު އިޒްރޭލާ މެދު އޮތް ދެކޮޅުވެރިކަން ހާމަކުރަމުން "މިހާރު" އާ ވާހަކަދެއްކި އެވެ.

އާންމުންގެ އެތައް ބަޔަކު އަންނަނީ އިޒްރޭލުގެ ބްރޭންޑްތައް ބޯއިކޮޓްކުރުމުގެ ކެމްޕޭނުތަކުގައި ބައިވެރިވަމުންނެވެ.

އާންމުންގެ ޝުއޫރު މިގޮތަށް ހުރި އިރު އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ހަމަލަދީ، ހިންގަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށާއި ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދަން ރާއްޖޭ އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މާދަމާ ހާއްސަ ހަރަކާތެއް ވެސް ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ކާފިއު ހިންގާތީ މި ހަރަކާތްތަކަށް އުނދަގޫ ވެފައި ވިޔަސް މާދަމާ ހަވީރު 4:00 ގައި، ކާފިއު ފެށޭ ވަގުތު ފަލަސްތީނުގެ ދިދަތައް ހިފައިގެން ގޭގޭގެ ބެލްކަނިތަކަށް މީހުން ނުކުމެ ޝުއޫރު ފާޅުކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ދިދަތައް ހިފައިގެން ސައިކަލު ބުރާއި ލޯންޗު ބުރު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް މީހުން ބުންޏެވެ. އަދި މިކަންކަން ކުރުމަަށް އެޗްޕީއޭ އިން ހުއްދަ ދިނުމަށް ވެސް ގިނަ ބަޔަކު އެދެ އެވެ.

"މާދަމާ މި ކުރިއަށްދާ ހަރަކާތުގެ އިތުރުން ވެސް އަޅުގަނޑުމެން ގޭމް ފިޝިންގައި އުޅޭ ބައެއް މީހުންވެގެން އެބަ މަސައްކަތްކުރަން މާލެ ވަށައި ލޯންޗު ބުރުތައް ބާއްވަން، އަޑުއުފުލެން އޮތް ހުރިހާ ގޮތަކަށް އަޑު އުފުލަން ބޭނުންވޭ. އެޗްޕީއޭ އިން ހުއްދަ ދީފި ނަމަ ސައިކަލުތަކުގައި ވެސް އަޑުއުފުލަން ނުކުންނަންވީ،" އާއްމުންގެ މީހަކު ބުންޏެވެ.

"އެމެރިކާ ފަދަ ގައުމުތަކުގައިި ވެސް އަޑު އުފުލައި އެއްވުންތައް އެ ބާއްވަނީ. މި ހާލަތުގައި ވޯޓު އަޅަން އެއްވެވުނު ގޮތަށް ހަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެއްވުންތައް ބާއްވަން ހުއްދަ ދޭންވީނޫންތޯ،" ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކަށް ލޯކަލް ކައުންސިލް އިންތިހާބަށް ދިން ލުއިތަކަށް އިޝާރާތްކޮށް މީހަކު ބުންޏެވެ.

"އަޅުގަނޑުމެންވެސް އަދި އެހެން ގައުމުތަކުން ވެސް ކުރާ ކަމަކީ މި މައްސަލައާ ގުޅިގެން ދުވަސްވަރަކަށް އަޑު އުފުލާފައި ހުއްޓާލަނީ. އެހެން ހެދީމަ މައްސަލަ އެއްކޮށް ހައްލެއް ނުވޭ. އަޅުގަނޑުމެން އެކަން އެއްކޮށް ހުއްޓެއްދެން އަޑު އުފުލަން ޖެހޭ."

އިޒުރޭލުން އަންނަނީ އިރުމަތީ ގުދުސްގެ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން ޝެއިހު ޖައްރާހުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތައް، އެ އާއިލާތަކުގެ އަމިއްލަ ބިންތަކުން ނުކުންނަން މަޖުބޫރުކުރަމުންނެވެ. އަދި މިކަމާ ދެކޮޅަށް އަޑު އުފުލުމަށް މުޒާހަރާ ކުރުމުން އިޒުރޭލުން ދަނީ ފުލުހުންނާއި ސިފައިން ނެރެ ފަލަސްތީނުގެ އާއްމުންނަށް އަނިޔާ ކުރަމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 200 އެއްހާ މީހުން ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.