އިޒްރޭލުން ގަތުލުއާންމު ހިންގަނީ އެމެރިކާގެ ރުހުމުގައި: އުރްދުޣާން
އިޒްރޭލުން ގަތުލުއާންމު ހިންގަނީ އެމެރިކާގެ ރުހުމުގައި: އުރްދުޣާން

އިޒްރޭލުން ފަލަސްތީނުގެ ރަށްތަކަށް ހަމަލާ ދީ ފަލަސްތީނު މީހުން މަރައި ގެދޮރު ސުންނާފަތި ކުރަމުން ދަނީ، އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި ރުހުމާ އެކުގައި ކަމަށް، ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން މި މޭރުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ފާޑުވިދާޅުވީ، އެމެރިކާއިން އިޒްރޭލަށް ދީފައިވާ އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތައް ބޭނުންކޮށްގެން، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެއްވެސް ވަރަކަށް އެމެރިކާ މަސައްކަތް ނުކުރާތީ އެވެ.

"ވަރަށް ދެރަ، ނަމަވެސް މިވާހަކަތައް ދައްކަން މަޖުބޫރު ކުރުވަނީ ހަމަ ކަލޭމެން. މި ގަތުލުއާންމުތައް ހިންގަނީ ހަމަ ކަލޭމެންގެ ރުހުމާއި މަދަދާއެކު،" ބައިޑެންއަށް ފާޑުވިދާޅުވަމުން އުރްދުޣާން ވިދާޅުވި އެވެ.

އުރްދުޣާން ވިދާޅުވި ގޮތުގައި ބައިޑެން، އިޒްރޭލަށް ޒަމާނީ ހަތިޔާރުތައް ދީގެން، އިޒްރޭލު ލައްވާ ގަތުލުއާންމުތައް ހިންގުވާފައި، އޭގެ ފަހުން ސުލްހަ ގާއިމުކުރަން ގޮވައިލުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަދި، އިޒްރޭލަކީ ދުނިޔޭގެ ތާރީޚުގައިވެސް މީގެ ކުރިން، ބަޔަކު އަންހެނުންނާއި ކުޑަކުދިން ނުމަރާހާ ގިނައިން މަރަމުންދާ ޓެރަރިސްޓް ދައުލަތެއް ކަމަށް ވެސް އުރްދުޣާން ވިދާޅުވި އެވެ.

އުރްދުޣާން ވިދާޅުވީ، އޭނާގެ މި ބަސްތަކުން އެމެރިކާ އާއި ވިލާތުގެ ގައުމުތައް ނުރުހުނު ކަމަށް ވިޔަސް، ތުރުކީވިލާތް އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކުގައި ކަމަށާއި، އަބަދުވެސް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ނުވަ ވަނަ ދުވަސް ފެށިފައިވާ އިރު، އިޒްރޭލުގެ އުދުވާންތައް ހުއްޓުވުމަށް އެމެރިކާއިން މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި، އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް، އިޒްރޭލުގެ އުދުވާންތައް ހުއްޓައިލުމަށް ގޮވައިލާ ގަރާރެއް ނެރުމަށް، އެކި ގައުމުތައް ގުޅިގެން މިހާތަނަށް ކުރި މަސައްކަތްތައް ވެސް ނާކާމިޔާބުކޮށްލީ އެމެރިކާ އިންނެވެ.

ސަލާމަތީ މަޖިލީހުން އިޒްރޭލު ކުށްވެރިކޮށް ބަޔާނެއް ނެރުމަށް، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިން ފަހަރަށް އެކި ގައުމުތަކުން މަސައްކަތް ކޮށްފި އެވެ. ނަމަވެސް އެ ތިން ފަހަރު ތައްޔާރުކުރި ތިން ބަޔާން ވެސް އެމެރިކާއިން ވީޓޯ ކުރީ އެވެ. (އަލްޖަޒީރާ، ސީއެންއެން)