18 މެއި 2021 - 19:39

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ފަށާފައިވާ ޓެރަރިޒަމްގެ އަމަލުތަކުގައި ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުނާއެކު ކަން ހާމަކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް ދިވެހި ސިފައިންގެ މައި މަރުކަޒުގެ ސްކްރީންގައި ފަލަސްތީނުގެ ދިދަ މިރޭ ދިއްލާލައިފި އެވެ.

އެކި މެސެޖުތައް ދިނުމަށް، ސިފައިންގެ މަރުކަޒު، ބަންޑާރަކޮށީގެ އާ އިމާރާތުގައި ހަރުކޮށްފައި ހުންނަ ބޮޑު ސްކްރީން ބޭނުންކުރަމުން އަންނައިރު މިއީ މި ފަދަ ކަމެއްގައި އެހެން ގައުމެއްގެ ދިދަ ދައްކާލި ފުރަތަމަ ފަހަރެވެ.

ޖުމްހޫރީ މައިދާނަށް ކުރިމަތިވާ ގޮތަށް، މާލޭގެ މޫނުމަތިން ފެންނަ މި ސްކްރީނަކީ ދިވެހި ސިފައިންގެ އެއްޗަކަށް ވާތީ، އެކި ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވާ ކަމަކާ ގުޅުން ހުރި ކަމެއްގައި މި ސްކްރީން މިހާތަނަށް ބޭނުމެއް ނުކުރެ އެވެ. އެކަމަކު ދިވެހިން ދެކެނީ، މިއީ ދެ ގައުމުގެ ދެމެދުގައި ހިނގާ ހަމަނުޖެހުމަކަށް ވުރެ، އިސްލާމްދީނާ ދެކޮޅަށް، އިޒްރޭލުން ހިންގާ ލާއިންސާނީ ހަމަލާތަކެއްގެ ގޮތުގަ އެވެ.

ސިފައިންގެ މި ނިންމުމާ ގުޅިގެން "މިހާރު" ން ސުވާލު ކުރުމުގެ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެމްއެންޑީއެފުން ފަލަސްތީނުގެ ދިދަ ދިއްލީ، ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަށް ކަމަށެވެ. އެއީ އެ ގައުމުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އެންގުމަށް މިއަދު މާލެ އާއި ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަލަސްތީނަށް ދިވެހިންގެ ތާއީދުއޮތްކަން ހާމަކޮށްދިނުމަށް އެކަން ކުރީ. މިއަދު ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތާ އެއްކޮޅަށް ދިވެހި ސަރުކާރު އޮތްކަން ހާމަކުރައްވަން ރައީސް ބޭނުންފުޅުވީ،" މަބްރޫކް ވިދާޅުވި އެވެ.

"ރައީސް އަބަދުވެސް ހުންނެވީ ފަލަސްތީނާއެކު."

ފަލަސްތީނުގެ ދިދަ ޓްވީޓް ކުރައްވައި، އެ ގައުމާއެކު ދިވެހިން ތިބިކަން ރައީސް މިއަދު ވެސް ޔަގީންކޮށްދެއްވާފަ އެވެ.

މީގެ ދެ ދުވަސް ކުރިން، މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވެސް ވަނީ އެމްއެންޑީއެފްގެ ބޮޑު ސްކްރީނުން ފަލަސްތީނުގެ ދިދަ ދައްކާލާނެ ކަމުގެ އުއްމީދުގައި އެ ވާހަކަ ދައްކަވައިފަ އެވެ. އަދި އެކަމަށް އޭރު ގިނަ ބަޔަކު ތާއީދު ކުރި އެވެ.
އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނަށް ދޭ ނުރައްކާތެރި ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވަމުން ދާއިރު، އެއީ ދިވެހިންނަށް ވެސް ބަލަން ދަތި މަންޒަރެކެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާއި އެގައުމަށް ފައިސާ ހަދިޔާކޮށްގެން ވެސް، ދިވެހިން އަންނަނީ އެ ގައުމަށް ތާއީދުކުރަމުންނެވެ. މިއަދު ހިންގި ހަރަކާތުގައި ވެސް މުޅި މާލޭގެ މަގުތައް ފުރާލާފައިވަނީ ފަލަސްތީނުގެ ދިދައިންނެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް، 2019 އަހަރު ބޭއްވި އދ.ގެ އާއްމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ކުށްވެރިކުރެއްވި އެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި މިނިވަންކަން ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތުގައި ދިވެހިން އަބަދުވެސް ތިބޭނީ އެ ގައުމާ އެކުގަ އެވެ.