18 މެއި 2021 - 23:49

ދައުލަތަށް ފީއެއް ނަގައިގެން ވެހިކަލްތައް ޕާކް ކުރުމަށް ދޫކޮށްފައިވާ ޕާކިން ޒޯންތަކުގައި ޓެކްްސީ ޕާކުކުރުމަށް ނަގަމުން އަންނަ 3،000ރ. ގެ ބަދަލުގައި 750ރ. އަށް ފީ ކުޑަކުރަން ނިންމާފައިވާ ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ، ފީ ނަގައިގެން ޕާކުކުރަމުން އަންނަ ތަންތަނުގައި ރަނގަޅު އިންތިޒާމެއް ވެސް އަދި ހަމަޖެއްސިފައެއް ނުވާ ކަމަށެވެ. އެކަމަކު އެ ތަންތަނުގައި ވެސް ޕާކުކުރުމަށް 3000ރ. ނަގާ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ތަފާތު އެކި ސިޔާސަތުތަކާ ގުޅިގެން ޓެކްސީ ދުއްވާ މީހުންގެ އާމްދަނީއަށް ވެެސް ބަދަލުތަކެއް އަންނަ ކަމަށެވެ.
"މިހާރު މި ނިންމާ ނިންމުންތަކުން ކަނޑައަޅާ އުސޫލުތަކުން އެންމެ އާމްދަނީ ކުޑަވެ، އެންމެ ބޮޑެތި ގެއްލުންވާ މީހުންނަކީ ޓެކްސީ ޑްރައިވަރުން. އޭގެ ސަބަބުން ނުސީދާ ގޮތުން އުނދަގޫވަނީ ވެސް ރައްޔިތުންނަށް،" މުއިއްޒު ވިދާޅުވި އެވެ.
ޕާކުކުރުމަށް އަގުތައް ނަގަމުން އަންނަނީ އެންމެ އިންސާފުވެރި ގޮތަށް ނޫން ވެސް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ، ކައުންސިލްގެ އަގު ކުޑަކުރަން މިއަދު ނިންމާފައި ވަނީ ކައުންސިލްގެ އިއްތިފާގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ އިއްތިފާގުން ނިންމާފައިވާ އިތުރު ނިންމުންތަކަށް ބަލާއިރު ގުދަން، ގަރާޖު އަދި ވޯކްޝޮޕްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުން ހިމެނެ އެވެ. އެކަމާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކޮށް އޭގެ ޕްލޭން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މާލެ ފެހިކުރުމަށް އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގަން ވެސް ނިންމާފައިވެ އެވެ. ކައުންސިލްގެ އަމާޒަކީ ހަ މަސް ދުވަސް ތެރޭ އެކަމަށް ވާާންޖެހޭ ތައްޔާރީތައް ނިންމައި 2022 ޖެނުއަރީ 1 ގައި މަޝްރޫއުގެ އަމަލީ މަަސައްކަތް ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެ އާއި ވިލިމާލޭގެ ހުސްބިންތައް ބޭނުން ކުރުމުގެ ޕްލޭނެއް ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލާ އެކީ އެއް މަސް ތެރޭ ނިންމުމަށާއި ވިލިމާލޭގެ ރައްޔިތުންގެ އެދެމުގެ މަތިން، ވިލިމާލޭގައި 10 ބުރީގެ އިމާރަތް އެޅުމުގެ ހުއްދަ ދިނުމުގެ ގަވާއިދު ހެދުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ވިލިމާލޭގައި އެއް ތަންކޮޅެއްގެ ތެރޭގައި އެތައް ބަޔަކު އުޅެމުން އަންނަނީ ގެ ހެދުމަށް ލޯނު ދޫކުރަނީ ދިހަ ބުރިއަށް ހަދާނަމަ، ކަމަށްވާތީ ލޯނު ނުލިބިގެންނެވެ. އެހެންވެ، އެމީހުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް އެ މަަސައްކަތް ކުރަން ނިންމީ އެވެ.
އެ މަސައްކަތުގެ އިތުރުން ޕާކުތަކާއި މައިޒާން ތަކުގެ އާބަތުރަފިލުވާ މަރާމަތު ކުރުމަށްޓަކައި މިހާރު އެތަންތަން ހުރި ހާލަތު ބަލައި ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ މާރުކޭޓުތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ފެށޭނެ އެވެ. އަދި މާދަމާ މިސްކިތްތަކުގެ ހާލަތު ހުރިގޮތް ބެލުމުގެ މަސައްކަތް ވެސް ފަށާނެ އެވެ.
ކާރޫބާރޫ ބޮޑު ވަަގުތުތަކުގައި މާލޭގެ މަގުތައް ބަންދުކޮށްގެން މަސައްކަތް ކުރުމަކީ ވެސް ބޮޑު ކަންބޮޑުވުމެކެވެ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ބަންދު ކުރުމުގެ ގަވާއިދެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގަވާއިދު ހެދުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހިމަނާނެ ކަމަށް ވެސް ވިދާޅުވި އެވެ.