20 މެއި 2021 - 14:13

އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ވަރުގަދަ ހަމަލަތަކާ ދެކޮޅަށް އެމްއޭސީއެލުން ކުރި ޓްވީޓުން "ފްރީ ފަލަސްތީން" އުނިކުރުމުމުގައި އެ ކުންފުނީގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓްއާޓްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
"ފްރީ ފަލަސްތީން" ޖެހުމަށް ފަހު އެ ޓްވީޓް ޑިލީޓްކޮށް، ދެން ކުރިން ޓުވީޓުގައި އެ ބައި އުނިކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެ ކުންފުންޏަށް އެތައް ބަޔަކު ފާޑުކިޔާފައި ވަނިކޮށް، އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސި ވިލާތަށް އުފަން ސްޓުއާޓް މިވަގުތު ހުންނެވީ ޗުއްޓީގައި ކަމަށެވެ. އަދި ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލަތަކާ ގުޅިގެން ކުރި ޓްވީޓާ ބެހޭ އެއްވެސް ވާހަކައެއް ސީއީއޯއާ ހިއްސާ ނުކުރާ ކަމަށާއި އެކަމަކާ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ޓުވީޓުން "ފްރީ ފަލަސްތީން" އުނިކުރުމުގެ ފަހަތުގައި ހުންނެވީ ސީއީއޯ ސްޓުއާޓް ކަމަށް ތުހުމަތުކޮށް އޭނާގެ އިސްތިއުފާ އަށް ސޯޝަލް މީޑިއާގައި ވަނީ ގޮވާލައިފަ އެވެ.
އެމްއޭސީއެލުން ބުނިގޮތުގައި ޓްވީޓަށް ބަދަލު ގެނައުމުގައި ސީއީއޯގެ އަތެއް ވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އެހެންވެ، އެފަދަ ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން އެދެ އެވެ.
އެމްއޭސީއެލުން ބުނީ، ޓްވީޓަށް ބަދަލު ގެނައީ އެ ކުންފުނީގެ ކޯޕަރޭޓް ޕޮލިސީގެ ދަށުން ކަމަށެވެ. އަދި އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް އެމްއޭސީއެލުން ބުނެ އެވެ.