ސަރުކާރު އޮފީސްތައް ބަންދު މުއްދަތު މި މަހުގެ 25 އަށް އިތުރުކޮށްފި
ސަރުކާރު އޮފީސްތައް ބަންދު މުއްދަތު މި މަހުގެ 25 އަށް އިތުރުކޮށްފި

ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ މާލޭ ސަރަހައްދުގެ ސަރުކާރު އޮފީސްތައް ބަންދުކުރި މުއްދަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ، ކޮވިޑް-19 އިން ރައްކާޔެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރާއްޖޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގާފައި ވާތީ، މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، 25 ވަނަ ދުވަހުގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރުކުރައްވާފައިވާ ކަމަށެވެ.

އެ މުއްދަތުގައި ސަރުކާރު އޮފީސްތަކުން ހިދުމަތް ދެމުންދާނީ އޮންލައިންކޮށެވެ. އަދި މުވައްޒަފުން މަސައްކަތްކުރާނީ ވެސް އޮންލައިންކޮށެވެ.

މި ބަދަލު ގެނައީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމުން، އެ މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގައި އެންގުންތަކާ އެއްގޮތަށް އުޅުމަށް ވެސް ރައީސް އޮފީހުން ވަނީ މުވައްޒަފުންގެ ކިބައިން އެދިފަ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ބަލި ކޮންޓްރޯލްކުރުމަށް މާލޭ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަަޅައިފަ އެވެ. ސަރުކާރުގެ އޮފީސްތަކާއި އެއްގޮތަށް ސްކޫލުތަކުން ވެސް އޮންލައިންކޮށް ކިޔަވައިދެމުން އަންނައިރު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ. އެވަގުތު ބޭރަށް ދިއުން މަނާކޮށްފައިވާއިރު ކެފޭ ރެސްޓޯރަންޓުތައް ވެސް ބަންދުކުރަން ޖެހެ އެވެ. އަދި ވިޔަފާރިތަކަށް ވެސް ޑެލިވަރީ ހިދުމަތަށް ދެމުން އަންނަނީ މަދު ހުއްދައެެކެވެ.