04 ޖޫން 2016 - 02:03

މާލޭގައި މިރޭ ދެ ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން 19 މީހަކު ހައްޔަރުކޮށްފި އެވެ.

ގޭންގް މާރާމާރީ ނުހިންގާތާ ދުވަސްކޮޅެއް ފަހުން، އަނިޔާވެރި ދެ ހަމަލާއެއްގައި 14 އަހަރުގެ ފިރިހެން ދެ ކުއްޖަކު މަރުވެ، މާލެ އަށް މިރޭ ވަނީ ބިރުވެރިކަން އައިސްފަ އެވެ. މިއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާ އަނިޔާވެރި ދެ މަރެއްގެ ހިތާމަ ކުރިމަތިވި ފުރަތަމަ ފަހަރެވެ.
އެ މަރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.
ފުލުހުންގެ ތަރުޖަމާނަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ފުރަތަމަ ފާސްކުރީ މާލޭގެ ދެ ގެއެކެވެ. މި ގޮތުން، ހ. ދޫހިމެރިގެ އިން ހަތް މީހަކު އަދި މ. ޖޭޑު އިން އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ފަހުން، ދަންވަރު 3:00 ހާއިރު މ. ލޮނުމިދިލިގޭ ފާސްކޮށް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
"އެކަމަކު އެ މީހުންނާ މިރޭ ހިނގި މާރާމާރީތަކާ ސީދާ ގުޅުމެއް އޮތް ކަމަށް ބުނަން އަދި ދަތި،" ތަރުޖަމާނު ވިދާޅުވި އެވެ.
މިރޭ ފާސްކުރި ތަންތަނުގެ ތެރެއިން ޖޭޑަކީ ގޭންގު ކުށްތަކާ ގުޅުން އޮންނަ ގެއެއް ކަމަށް ބުނެ އެވެ. މާރާމާރީތަކަކާ ގުޅިގެން މިދިޔަ މާޗު މަހު ވެސް ފުލުހުން އެ ގެ ފާސްކޮށް، ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. ހަމަ އެ ގޮތަށް، ލޮނުމިދިލިގެއާ ވެސް ތަފާތު ކުށްތަކާ ގުޅުން އޮންނަ ކަމަށްވެ އެވެ. އެ ގޭގެ ރަޖިސްޓްރީގައި އޮންނަ މީހަކު މީގެ އަހަރުތަކެއް ކުރިން މާރާމާރީގެ މައްސަލައެއްގައި ހައްޔަރު ކުރިއިރު، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ ހައްޔަރުކޮށް، ކުށް ސާބިތު ވެސް ވި އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގަކީ ވެސް އެ ގެ އަށް ނިސްބަތްވާ މީހެކެވެ. އެހެން ނަމަވެސް، އޭނާގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ހައި ކޯޓުން ވަނީ ފަހުން ބާތިލް ކޮށްފަ އެވެ.
މިހާރު" އަށް އެނގިފައިވާ ގޮތުގައި މިރޭ ހިނގި ދެ މާރާމާރީ ވެސް ނިސްބަތް ވަނީ ދެ ގްރޫޕަކަށެވެ. ފުރަތަމަ ހަމަލާ މިއަދު ހަވީރު 5:30 ހާއިރު އަމާޒުވީ ފާތިރު މުހައްމަދަށެވެ. ރާނބާ ރެސްޓޯރެންޓް ކައިރިން މަޖީދީ މަގުގެ ދުވާރު މަތީގައި ހުއްޓާ ސައިކަލެއްގައި އައި ބަޔަކު ފުރަތަމަ ހަމަލާދިނީ ދަނޑިބުރިއަކުންނެވެ. އޭގެ ފަހުން ދެ ވަނަ ސައިކަލެއްގައި އައި ބަޔަކު ފާތިރުގެ ކަރަށް، ވަރަށް ފުންކޮށް، ވަޅި ހަރާފައި ފިލީ އެވެ.
ތާޖުއްދީން ސްކޫލްގައި ކިޔަވަމުން އަންނަ ކ. ކާށިދު އަށް އުފަން އަހުމަދު އިރުޝާމް ހިލްމީގެ ބުރަކަށީގެ ތިން ދިމާއަކަށް ވަޅިން ހަމަލާދިނީ އޭނާ ދިރިއުޅޭ ގެ، މ. ޝަރުމާގޭގެ ބޭރުގައި ހުއްޓާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ. މިއީ ފާތިރަށް ދިން އަނިޔާގެ ބަދަލުހިފުމެއް ކަމަށް ބެލެވެ އެވެ.