22 މެއި 2021 - 10:47

ތަހުގީގުގެ ބޭނުމަށް ހައްޔަރު ކުރުމަކީ ގާނޫނޫ ދަންނަ ކަމެއް ނޫން ކަމަށާއި ތަހުގީގުކުރުމަށްޓަކައި މީހުން ބަންދުކުރަންޖެހޭ ކަމަށް، ގާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް އާންމުންނަށް އަދިވެސް ހީވެފައި އޮންނަ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމަކީ ތަހުގީގަށް ފަސޭހަވާނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. ނަމަވެސް، މިކަމުގެ ތާރީހީ ހަގީގަތްތައް ހުރި ގޮތުން، ގާނޫނުއަސާސީ ލިޔުނު މީހުން އޮތީ އެ ވިސްނުމާ ދުރަށް ގޮސް ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް ގޮތަކަށް ގާނޫނު ލިޔެފައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ބަންދު މީހާ ކުރެން ހޭ ވެސް އަހައި ނުލައި" މީގެ ކުރިން 53 ދުވަހަށް ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުނަސް ޝަމީމް ވިދާޅުވީ މިހާރު އެކަން ބަދަލުވެއްޖެ ކަމަށެވެ.
"...ނަމަވެސް، ގާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް އާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަހުގީގު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭ ކަމަށެވެ. އެއީ، ތަހުގީގު ކުރަން ފަސޭހަވާނެ ކަމެކެވެ. ނަމަވެސް، މިކަމުގެ ތާރީހީ ހަގީގަތްތައް ހުރި ގޮތުން، ގާނޫނުއަސާސީ ލިޔުނު މީހުން އޮތީ، އެވިސްނުމާ ދުރަށް، ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަކަށް ގާނޫނު ލިޔެފައެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.
ޖިނާއީ އަދުލުގެ ނިޒާމަކީ ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، އެ މީހަކާ މެދު ފިޔަވަޅު އަޅަން އޮތް ނިޒާމަށް ވާއިރު މި ނިޒާމުގެ ތެރޭގައި، މީހަކު ކުށެއް ކުރާކަމަށް ތުހުމަތުވާ ވަގުތުން ފެށިގެން އެ މީހާގެ މައްޗަށް ތަހުގީގު ހިންގައި ދައުވާކޮށް، ޝަރީއަތް ހިންގާ، ޝަރީއަތުން ކުރާ ހުކުމް ތަންފީޒުކުރުމާ ހަމައަށް ހިނގާ ހުރިހާ ކަމެއް ހިމެނޭކަން ޝަމީމްގެ އާޓިކަލްގައި ލިޔުއްވާފައިވެ އެވެ. މި ހުރިހާ މަރުހަލާތަކެއްގައި ކަން ކުރާނެ ގޮތާބެހޭ ގޮތުން ގާނޫނުތައް އެބަހުރި ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމުގައި މީހުންގެ އަސާސީ ހައްގުތައް ހަނިކުރުމުގެ ބާރު ގާނޫނު ތަންފީޒުކުރާ މީހުންނަށް އޮތަސް ގާނޫނުތައް ހުންނަނީ، މި ބާރުތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެކަން ކަށަވަރުކުރަން ކަމަށެވެ.
ތަހުގީގަށް މީހުން ހައްޔަރުކުރުމުގައި ކުރިން އަމަލުކުރަމުން އައި ގޮތަށް ބަލާއިރު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އެއްވެސް ސުވާލަކާ ނުލައި ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް އޭރު އޮތްކަން ޝަމީމް ފާހަގަކުރެއްވި އެވެ. އަދި ތަހުގީގުކުރާ އިދާރާގައި އޮންނަ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެމްބަރުންގެ ކޮމިޓީއަށް ހުށަހަޅައިގެން އިތުރު 15 ދުވަހަށް ބަންދު އިތުރުކުރެވޭ ކަމަށާއި ކޮމިޓީން ދެއްވާ 23 ދުވަސް ނިމުމުން، ރައީސް އައްޔަންކުރާ ފަނޑިޔާރަށް ލިޔުންތައް ފޮނުވައިގެން، އިތުރު 30 ދުވަސް [ޖުމްލަ 53 ދުވަސް] އަށް ބަންދު އިތުރުކުރެވޭ ކަމަށް ވެސް ލިޔުއްވާފައިވެ އެވެ. އަދި 30 ދުވަސް ހަމަވުމުން ޝަރީއަތް ނިމެންދެން ބަންދު ނުވަތަ މިހާރު އާންމުކޮށް ކިޔާ ގޮތުން ނަމަ "ވާނުވާ" ޖެހޭ ކަމަށް، އިހުގައި ބަންދުގެ ކަންކަން ކުރަމުން އައި ގޮތް ސާފުކޮށްދެއްވަމުން ލިޔުއްވާފައިވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމާ ދެކޮޅަށް މަސައްކަތްކުރައްވާ ޝަމީމް ލިޔުއްވާފައިވާ ގޮތުގައި ބަންދުގެ ކަންކަންކަމަށް އިންގިލާބެއް އައީ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީއާ އެކުގަ އެވެ. އެއީ މީހަކު ހައްޔަރުކުރުމަށް ފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް އެންމެ ގިނަވެގެން ބެހެއްޓޭނީ 24 ގަޑިއިރު ކަމަށް ކަނޑައެޅުމެވެ. އަދި ތުހުމަތުކުރެވޭ މީހާ އަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ލިބުނެވެ.
"ހައްޔަރުކުރާތާ 24 ގަޑިއިރު ނުވަނީސް ވެސް، އެމީހާގެ ބަންދުގެ ކަންތައް ބަލައި ދިނުން އެދި 'ހެބިއަސް ކޯޕަސް' ރިޓަކަށް އެދުމުގެ ފުރުސަތު އޮވެއެވެ. ބަންދާ މެދު ގޮތެއް ނިންމާ މަޖިލީހުގައި، ބަންދާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު، ބަންދުގައި ހުރި މީހާއަށް ލިބެއެވެ." ލިބުނު ހައްގުތައް ބަޔާންކުރައްވަމުން ޝަމީމް ލިޔުއްވާފައިވެ އެވެ.
ޝަމީމް މި ލިޔުން ޝާއިއުކުރެއްވިރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއްގައި އޭނާ ހައްޔަރުކުރަން އަމުރެއް ހޯދައިދޭން ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެރަލަށް ހުށަހަޅައިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ. ކޯޓުގެ އެ ނިންމުމާ މެދު ޕީޖީން އަމަލުކުރާ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ. މީގެ އިތުރުން ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތް ގޮތުން ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރުން ލާޒިމްވާ ކަމަށް ހައި ކޯޓުން ކުރިން ކަނޑައެޅީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމް ވެސް ކޮށްފަ އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެ ދެ ހާލަތެއް އޮވެ އެވެ. އެއީ 60 ވަނަ މާއްދާގެ ށ. ގެ ދަށުން "ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި" ހުރުމާ އެކު ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުން ކުރެ ހާލަތެއް އޮތުމުން ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުމެވެ. ދެވަނަ ގޮތަކީ 60 ވަނަ މާއްދާގެ ބ. ގެ ދަށުން "ތުހުމަތެއް ކުރެވޭ މިންވަރު ހެކި" ނެތީސް ވަކި މުއްދަތަކަށް ބަންދު ކޮށްފައި ވަނިކޮށް ފަހުން އެ މިންވަރަށް ހެކި ލިބުމުން ޝަރީއަތް ނިމެންދެން ބަންދު ކުރެވޭ ހާލަތެވެ.