އިތުރު 1603 މީހުން ކޮވިޑަށް ޕޮޒިޓިވް، ގިނައީ މާލޭގެ ކޭސްތައް
އިތުރު 1603 މީހުން ކޮވިޑަށް ޕޮޒިޓިވް، ގިނައީ މާލޭގެ ކޭސްތައް

ކުރިން ނަގާފަައިވާ ސާމްޕަލްތަކާ އެކު ރާއްޖެއިން އިތުރު 1603 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާންމުކުރި މައުލޫމާތުގައިވާ ގޮތުން، 1603 މީހަކު ޕޮޒިޓިވްވެފައިވާއިރު ގިނައީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެއީ 1025 މީހެކެވެ. ރަށްރަށުން ވެސް 571 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ ހަތް މީހެކެވެ.

ކުރީގެ ސާމްޕަލްތަކާ އެކު ޕޮޒިޓިވްވި މީހުންގެ އަދަދު 1603 އަށް އެރިޔަސް، އެއީ ކޮން ދުވަސްތަކެއްގައި ޕޮޒިޓިވްވި ކިތައް މީހުން ކަމެއް އެޗްޕީއޭ އިން އާންމެއް ނުކުރެ އެވެ.

ސާމްޕަލް ޓެސްޓްކުރުމުގައި ލަސްތަކެއް އުޅުނަސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 6320 ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 52،402 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވެފައި ވަނީ 31،197 މީހެކެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 21،079 ގަ އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވެސް 286 ގައި އުޅޭއިރު މިއަދު އެ ބަލީގައި މަރުވި ހަތަރު މީހުންނާ އެކު ބަލީގަައި މަރުވި މީހުންގެ ޖުމްލަ އަދަދު ވެސް ވަނީ 120 އަށް އަރައިފަ އެވެ.