ވަރުން ދަވަން، ދިއާން ޗަންދުގެ ބަޔޮޕިކް ދޫކޮށްލައިފި
ވަރުން ދަވަން، ދިއާން ޗަންދުގެ ބަޔޮޕިކް ދޫކޮށްލައިފި

ޕްރޮޑިއުސަރު ބޭނުންވާ ގޮތަށް ވަގުތު ދެވެން ނެތުމުން އެކްޓަރު ވަރުން ދަވަން، އިންޑިއާގެ ކުރީގެ ހޮކީ ތަރި ދިއާން ޗަންދުގެ ބަޔޮގްރެފިކަލް ޑްރާމާ ދޫކޮށްލައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އެދުނީ މިހާރު އިންޑިއާގައި ކޮވިޑް-19އާ ހެދި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބުމާ އެކު ވަރުން ފިލްމުގެ މަސައްކަތް ފަށަން ކަމަށެވެ. ނޫސްތަކުން ބުނި ގޮތުގައި ރޯނީ ބޭނުން ވަނީ ޝޫޓިން ފަށާ ގޮތަށް ގޮސް އެއްފަހަރާ ފިލްމުގެ މަސައްކަތް ނިންމާލާށެވެ.

ނަމަވެސް ވަރުން ސޮއިކޮށްފައި ހުރި އެހެން ޕްރޮޖެކްޓްތަކަށް މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ވަގުތު ދޭން ޖެހޭތީ، ރޯނީ ބޭނުންވާ ގޮތަށް ވަގުތު ދެވެން ނެތުމުން ދިއާން ޗަންދު ބަޔޮޕިކް ދޫކޮށްލަން މަޖުބޫރުވީ އެވެ. މި ފިލްމަކީ "އުޑުތާ ޕަންޖާބް" އާއި "އިޝްގިޔާ" އަދި "ސޯންޗިރައްޔާ" ފަދަ ފިލްމުތައް ގެނެސްދިން އަބީޝެކް ޗޯބޭ ޑައިރެކްޓްކުރާ ފިލްމެކެވެ.

ވަރުންގެ އަތުގައި މި ވަގުތު ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝޫޓިން ފަށައިފައި އޮތް "ޖުގް ޖުގް ޖިއޯ" އާއި "ބޭޅިޔާ" އާއި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ "ސާންކީ" ގެ އިތުރުން ޑައިރެކްޓަރި ސްރީރާމް ރަގްވަން ހަދާ ބަޔޮގްރެފިކަލް ޑްރާމާ "އެއްކީސް" ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދިއާން ޗަންދުގެ ބަޔޮޕިކަކީ ކުރިން ޝާހްރުކް ޚާނާ އެކު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން އުޅުނު ފިލްމެކެވެ. އެކަމަކު ފަހުން ކަރަން އެ ފިލްމު ނަހަދަން ނިންމީ ކަމަށްވެ އެވެ.