ލުބާނާ: އަބަދު ދޭން ޖެހެނީ މަރުގެ ޚަބަރު!
ލުބާނާ: އަބަދު ދޭން ޖެހެނީ މަރުގެ ޚަބަރު!

މި މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައިވާއިރު ވަކިން ހާއްސަކޮށް ފާއިތުވި ހަފުތާގެ ތެރޭގައި، ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު ގިނަ އެވެ. މި މަހުގެ 19 ވަނަ ދުވަހު އެކަނި ވެސް އެ ބަލީގައި ހަތް މީހަކު މަރުވި އެވެ. އެއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީއްސުރެ އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ދުވަހެވެ.

ލުބާނާ: އަބަދު ދޭން ޖެހެނީ މަރުގެ ޚަބަރު!
ލުބާނާ: އަބަދު ދޭން ޖެހެނީ މަރުގެ ޚަބަރު!

އޭގެ ކުރިން ދެ ދުވަހެއްގައި ވެސް، ކޮންމެ ދުވަހަކު ހަ މީހަކު މަރުވެފައިވެ އެވެ. މިހާތަނަށް މިމަހުގެ އެކަނި ވެސް ޖުމުލަ 50 މީހަކު ވަނީ މި ބައްޔާ އެކު ފުރާނަ ގޮސްފަ އެވެ. ކޮވިޑްގެ މަރުތައް ގިނަވެ، މި ޚަބަރު ރައްޔިތުންނާ ހަމައަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޓްވީޓާ އެކައުންޓް މެދުވެރިކޮށް ދެމުން އަންނަ، ލުބާނާ ލަބީބަށް ވެސް މިއީ ފަސޭހަ ކަމަކަށް ނުވާ ހިސާބަށް ކަންތައް މިވަނީ ގޮސްފަ އެވެ.

އޭނާ "މިހާރު" އަށް ބުނި ގޮތުގައި މިދިޔަ ހަފުތާއެއްހާ ދުވަހު، އޭނާ ކޮންމެ ދުވަހަކު ވެސް ނިދަނީ ކޮވިޑްގައި މީހަކު މަރުވި ޚަބަރު ހިއްސާ ކުރުމަށް ފަހު އެވެ. ހޭލައިގެން ވެސް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކޮވިޑްގެ ކޮންމެވެސް މަރެއްގެ ހިތާމަވެރި ޚަބަރު އާންމުންނަށް ދިނުން ކަމަށް އޭނާ ބުންޏެވެ.

ބައެއް ދުވަސްތަކުގައި ނިދާލަން އެ ލިބޭ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވެސް ހަމަ ނިދި އޭނާ އަށް ނުލިބެ އެވެ. ކޮންމެވެސް މީހަކު މަރުވެގެން، އެ ޚަބަރު ޕޯސްޓްކުރަން ގުޅައި ހޭލައްވަ އެވެ.

މި ފަހުން، ބައެއް ދުވަސް ދުވަހު، އެކަކުގެ މަރުގެ ޚަބަރު ޕޯސްޓްކޮށް ނުނިމެނީސް އަނެއް މީހާ މަރުވާ ޚަބަރު ލިބެމުންދިޔުމުން މިއީ ކުރަން އުނދަގޫ ކަމެއްގެ ގޮތުގައި ލުބާނާ ސިފަ ކުރި އެވެ.

ލުބާނާ ކުރަމުން އެ ލިބޭ ހިތްދަތި ކަމަކީ، އޭނާ ވެސް ގަބޫލުކުރާ ގޮތުގައި ފެސިލިޓީތަކުގައި މަސައްކަތް ޑޮކްޓަރުންނާއި ނަރުހުންނަށް ލިބޭ ހިތްދަތިކަމާ އަޅައި ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. ފެސިލިޓީތަކުގައި މީހުން މަރުވެގެން އެ ދަނީ އާއިލާގެ މީހަކަށް އެންމެ ފަހު ވަގުތުކޮޅު ވެސް ފެނި ނުލަ އެވެ.

އަނެއްކޮޅުންް އެކަނި އޮވެ، މަރުވާއިރު އެ މީހުންގެ ޖަނާޒާގެ ކަންކަމުގައި ވެސް އާއިލާގެ މެމްބަރުންނަށް ބައިވެރިވެވޭ ގޮތެއް ނުވެ އެވެ. އާދައިގެ މަރުތަކާ ހިލާފަށް ކޮވިޑްގައި މަރުވުމުން މޫނު ބެލުމުގައި ވެސް ގިނަ ބަޔަކު ބައިވެރިއެއް ނުކުރެ އެވެ. ޖަނާޒާގެ ކަންކަމުގައި ވެސް އާއިލާގެ ފަރާތުން ބައިވެރި ކުރަނީ މަދު ބައެކެވެ.

"އަޅުގަނޑަށް މިކަން ކުރާ އިރު އެހާ ބޮޑު އަސަރެއް ކުރާއިރު، އެ އާއިލާތަކާއި ފެސިލިޓީތަކާއި ހޮސްޕިޓަލުތަކުގައި އެ މަސައްކަތްކުރާ މީހުންނަށް އަދި މާ އަސަރުކުރާނެ. މިކަންތައްތައް ފެނި، އެ ބޭފުޅުންނަށްތާ ފެންނާނީ މަރުވެގެންދާއިރު ކައިރީގައި އެއްވެސް ފެމެލީ މީހެއް ނުހުންނާނެ. އެހެންވީމަ، އެ އިހުސާސްތައް އަސްލު ހިތަށް ވެސް ގެންދަން ދަތި،" ލުބާނާ ބުންޏެވެ.

ކޮވިޑްގައި މިހާތަނަށް މުޅި ރާއްޖެއިން 123 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި 35 އަހަރާއި 50 އަހަރާ ދެމެދުގެ ގިނަ ބަޔަކު ވެސް ހިމެނެ އެވެ.

މަރުތައް އިތުރުވަމުން ދާއިރު، ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވެސް މިވަނީ ވަރުގަދަކޮށްފަ އެވެ. އެކަމަކު އަދި ކޮވިޑްގެ ކޭސްތައް ދަށްވާ މަންޒަރެއް ނުފެނެ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ސިއްހީ ހިދުމަތްތެރިންގެ އަދަދު ވެސް މަދުވެފައިވާތީ ފެސިލިޓީތަކުގައި ތިބޭ ބަލި މީހުންނަށް އެންމެ ރަނގަޅަށް އަޅާ ނުލެވޭތީ އާދޭހާ އެކު ޑޮކްޓަރުން އެދެމުން އެދަނީ އިރުޝާދުތަކަށް ބޯލެނބުމަށެވެ.