ކޮވިޑަށް މިއަދު ޕޮޒިޓީވްވީ 1،960 މީހެއް
ކޮވިޑަށް މިއަދު ޕޮޒިޓީވްވީ 1،960 މީހެއް

ކުރީގައި ނަގާފައިވާ ސާމްޕަލްތަކާ އެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،960 މީހުން ކޮވިޑަށް ޕޮޒިޓީވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން ގިނައީ މާލޭ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ. އެއީ 1،518 މީހެކެވެ. އަދި ރަށްރަށުން ވެސް 431 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވްވީ 11 މީހެކެވެ.

ކުރީގެ ސާމްޕަލްތަކާ އެކު ޕޮޒިޓިވްވި މީހުންގެ އަދަދު ހާމަކުރި ނަމަވެސް، އެއީ ކޮން ދުވަސްތަކެއްގައި ޕޮޒިޓިވްވި ކިތައް މީހުން ކަމެއް އެޗްޕީއޭ އިން އާންމެއް ނުކުރެ އެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 54،365 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވެފައި ވަނީ 31،812 މީހެކެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 22،421 ގަ އެވެ.

މިއަދު މަރުވި މީހުންނާ އެކު މި ބަލީގައި 123 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ އަންނަ މީހުންގެ އަދަދު މިއަދު ވަނީ 294 އަށް އަރައިފަ އެވެ.