23 މެއި 2021 - 12:35

ރަށްރަށުގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެ، 70 ރަށެއް މޮނީޓަރިން އަށް ލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެއީ މީހުން ދިރިއުޅޭ ރަށްރަށަށް ބަލާއިރު، 37.2 ޕަސެންޓް ރަށެވެ.
މި މަހު އެކަނި ވެސް 56 ރަށެއް މޮނީޓަރިން އަށް ލާފައި ވާއިރު، އެއީ ރެކޯޑު އަދަދެކެވެ. މިދިޔަ މަހު 16 ރަށެއް މޮނީޓަރިން އަށް ބަދަލުކޮށްފައި ވާއިރު، އެ ހުރިހާ ރަށެއްގައި ވެސް ކޮވިޑް އަންނަނީ ފެތުރެމުންނެވެ.
އެންމެ ގިނަ ދުވަހު މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކީ ޅ. ނައިފަރެވެ. ނައިފަރު މޮނީޓަރިން އަށް ލާފައި ވަނީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު އެވެ.
ކޮވިޑް-19 ގެ ސަބަބުން ހާލަތު އެންމެ ދަށީ މާލޭ ސަރަހައްދުގަ އެވެ. އެގޮތުން އިއްޔެ ނެގި 6،333 ސާމްޕަލްތަކުގެ ތެރެއިން 1،960 މީހުން ޕޮޒިޓިވްވެފައި ވާއިރު، މާލޭ ސަރަހައްދުން އިއްޔެ އެކަނި ވެސް 1،518 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި ވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވެސް އިތުރުވެފައި ވާއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 294 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މިއާއެކު ހޮސްޕިޓަލުތަކުގެ އެނދުތައް ފުރި، ބާރުބޮޑުވުމުގެ ސަބަބުން، ކޮވިޑަށް ފަރުވާ ދިނުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ހާލަތު ގޯސްވެފައިވާތީ އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން މާލޭ ސިޓީގެ އިތުރުން ދެކުނުގެ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ބައެއް ރަށްރަށުގައި ކާފިއު އިއުލާނުކޮށްފައި ވުމުގެ އިތުރުން، ކެފޭ ރެސްޓޯރަންޓުން ދޭ ހިދުމަތްތައް ޑެލިވަރީ އާއި ޓޭކްއަވޭ އަށް ބަދަލުކޮށް، އާންމުން އެންމެ ގިނައިން އެއްވެ އުޅޭ މައިޒާން ފަދަ ތަންތަން ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ހިދުމަތްތައް ދިނުމަށް ނިންމާފައި ވާއިރު، ސްކޫލުތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.