25 މެއި 2021 - 08:22

ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަންގެ "މައިދާން" މި އަހަރު ރިލީޒްކުރުމުގެ ފުރުސަތު ކުޑަވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަމިތު ޝަރުމާ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 15 ގަ އެވެ. އެންމެ ފުރަތަމަ "މައިދާން" ގެނެސްދޭން ނިންމީ މިދިޔަ އަހަރު އެވެ. އެކަމަކު މިދިޔަ އަހަރު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ހެދި މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ.
ފިލްމުގެ ޝޫޓިން އަދިވެސް ނުނިމި އޮތް "މައިދާން" ގެ ޓީމުން މިހާރު ވަނީ އިންޑިއާގެ ކޮވިޑްގެ ހާލަތާއި މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާ އިރު، މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ފިލްމުގެ ޝޫޓިންގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރަން ނިންމައިފަ އެވެ.
އެއީ ތިން ފަހަރެއްގެ މަތިން ބޮޑު ހަރަދެއްކޮށްގެން ހެދި ސެޓްތަކެއް ބޭކާރުވެގެން ދިއުމުންނެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި އިންޑިއާ އަށް އެރި ތޫފާނުގައި "މައިދާން" ގެ ސެޓް އެއްކޮށް ހަލާކުވެފައިވެ އެވެ. އަދި މިދިޔަ އަހަރު ވެސް ހަމަ މިގޮތަށް ދެ ފަހަރެއްގެ މަތިން ސެޓަށް ގެއްލުންވުމާއި އަދި ސެޓް ރޫޅައިލަން ޖެހުމުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ.
މިކަމާ ބެހޭ ގޮތުން ބޯނީ ބުނީ ފިލްމު "މައިދާން" ގެ ޝޫޓިން ނިންމައިނުލެވި، ސެޓްތަކަށް ތަކުރާރުކޮށް ގެއްލުންވެ އިތުރު ހަރަދުތަކެއް ކުރަން ޖެހުމަކީ ހިތްދަތިވެގެން ގޮސް ރޮވޭވަރުގެ ކަމެއް ކަމަށެވެ.
"ތޫފާނުގައި ސެޓަށް ލިބުނު ގެއްލުން ފެނިފައި ވެސް އަހަރެންގެ ހިތް ފަޅައިގެން ދިޔަ. މިހާރު މި ދިމާވާ ކަންކަމުން ހާދަ ބޮޑެތި ގެއްލުންތަކަކާ އަހަރެމެން ކުރިމަތިލާން އެބަޖެހެއޭ،" އޭނާ ބުންޏެވެ. "މިކަމާ ހެދި އަހަރެން ޑިޕްރެޝަނަށް ވެސް ހިނގައިދާނެ."
ޑައިރެކްޓަރު އަމިތު ބުނި ގޮތުގައި މިހާރު ނިންމާފައި އޮތީ ހާލަތު އެއްކޮށް ރަނގަޅުވުމުން ނޫނީ "މައިދާން" ގެ ޝޫޓިންގެ އެއްވެސް މަސައްކަތެއް ނުކުރަން ކަމަށެވެ.
"ބޯނީ ސާ އާއި އަޖޭ ސާގެ އެ ނިންމުމަށް އަހަރެން މަރުހަބާ ވެސް ކިޔަން. އަހަރެމެން ބޭނުމެއް ނޫން އެއްވެސް ކަމެއް ކޮމްޕްރަމައިޒްކޮށްފައި ފިލްމުގެ މަސައްކަތް ނިންމާކަށް. އެންމެ އުފާވާ ކަމަކީ ދިމާވަމުންދާ ދަތި ހާލަތްތަކާ އެކު ވެސް އަޖޭ ސާ މި ފިލްމަށް ދޭ ޑެޑިކޭޝަނާ ހެދި،" އަމިތު ބުންޏެވެ. "އެހެންވެ އަހަންނަށް ވަރަށް ޔަގީން ފިލްމު ނިންމާނީ ވަރަށް ފުރިހަމަކޮށް."
އޭނާ ބުނި ގޮތުގައި ދެން ފިލްމުގެ މަސައްކަތްކުރާނީ ހަމަޖެހިލައިގެން ތިބެ މަޑުމަޑުން ފިލްމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ހާލަތެއް އައުމުންނެވެ.
"އެހެންވެ މިހާރަކު އަހަރެމެން ފިލްމު ރިލީޒްކުރުމަކާ ދޭތެރޭ އެއްވެސް ވަރަކަށް ނުވިސްނަން. ބޭނުން ވަނީ އެންމެ ފުރަތަމަ ވެސް ވަރަށް ފަރުވާ ބަހައްޓައިގެން ފިލްމުގެ މަސައްކަތް އެއްކޮށް ނިންމަން،" ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބަދާއީ ހޯ" ވެސް ގެނެސްދިން އަމިތު ބުންޏެވެ. "އެއަށް ފަހު ނޫނީ ދެން އަހަރެމެން ފިލްމު ރިލީޒްކުރުމުގެ ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނޫން."
މި ކަންކަމާ ހެދި "މައިދާން" އަށް ދިމާވެފައި ހުރި ހުރަސްތަކާ ހެދި މި އަހަރު ފިލްމު ރިލީޒްކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ.
މި ފިލްމަކީ އިންޑިއާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަ މަޝްހޫރު ކޯޗް ސައީދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ބަޔޮގްރަފިކަލް ފިލްމެކެވެ.
މި އަހަރު ރިލީޒްކުރަން ނިންމާފައިވާ އަޖޭގެ ފިލްމުތަކުގެ ތެރޭގައި ޖުލައި 30 އަށް ތާވަލުކޮށްފައި އޮތް ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި އޮކްޓޯބަރު 13 އަށް އޮތް އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަދި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ހިމެނެ އެވެ.