ތެލުގެ އާމްދަނީން 150 ބިލިއަން ޑޮލަރު ވަގަށް ނަގައިފި
ތެލުގެ އާމްދަނީން 150 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

އިރާގުގެ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީގެ ތެރެއިން، 150 ބިލިއަން ޑޮލަރު، އެ ގައުމުން ވަގަށް ބޭރުކޮށްފައިވާ ކަމަށް އިރާގުގެ ރައީސް ބަރްހަމް ސޯލިހް ވިދާޅުވެއްޖެ އެވެ.

ބަރްހަމް ވިދާޅުވި ގޮތުގައި އެ ފައިސާތައް ވަގަށް ބޭރުކޮށްފައި ވަނީ، އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓައިލުމަށް، އެމެރިކާ އާއި ވިލާތުގެ ގުޅިފައިވާ ލަޝްކަރުން، 2003 ވަނަ އަހަރު އިރާގާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ކޮރަޕްޝަންގެ ތެރެއިން ހިންގާފައިވާ ތެލުގެ ވިޔަފާރިތަކުންނެވެ.

އެމެރިކާ އިން އިރާގަށް ހަމަލާ ދޭން ފެށި ފަހުން، ގާތްގަނޑަކަށް 1000 ބިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރި ކުރެވިފައިވެ އެވެ. ނަމަވެސް، ކޮރަޕްޝަންގެ ތެރެއިން، ތެލުގެ ގިނަ ވިޔަފާރިތަކެއް ހިންގާފައިވާއިރު، 150 ބލިއަން ޑޮލަރު އެ ގައުމުން ވަގަށް ބޭރުވެފައިވާ ކަމަށް ވެސް، ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ބަރްހަމް ވިދާޅުވި އެވެ.

އިރާގުގެ ތެލުގެ އާމްދަނީ ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ހޯދުމަށް، ގާނޫނު ހަދާ މަޖިލީހަށް މިހާރު ވަނީ ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފަ އެވެ. ގައުމުގެ އާމްދަނީން ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ހޯދުމަށްޓަކައި، އަވަހަށް އެ ބިލް ފާސްކޮށްދެއްވުމަށް ބަރްހަމް އެދިވަޑައިގެންނެވި އެވެ.

ބަރްހަމް ވިދާޅުވި ގޮތުގައި ތެލުގެ އާމްދަނީން ލިބުނު ފައިސާތައް، ގައުމުން ބޭރުކުރުމުގައި، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި އެބަހުއްޓެވެ. އެހެންކަމުން، ކޮރަޕްޝަންގެ އަމަލުތަކަކީ، ގައުމަށް ފެތުރިފައިވާ ޓެރަރިޒަމްގެ އަމަލުތަކަށް ވުރެ، ނުރައްކާތެރިކަން ކުޑަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ބަރްހަމް ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ އަމަލުތައް ވެސް ހުއްޓުވޭނީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވިގެންނެވެ. ސަބަބަކީ، ސިޔާސީ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ، ކޮރަޕްޝަންގެ ފައިސާއިން ޚަރަދުކޮށްގެން ކަމަށް ވާތީ އެވެ.