މާލީގެ ވެރިން ހައްޔަރުކޮށް، އިންގިލާބެއްގެ ބިރު އުފެދިފައި
މާލީގެ ވެރިން ހައްޔަރުކޮށް، އިންގިލާބެއްގެ ބިރު އުފެދިފައި

މާލީގެ އަސްކަރިއްޔާގެ އިސް އޮފިސަރުންތަކެއް، އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ހައްޔަރުކޮށް، ވެރިރަށުން ބޭރުގައިވާ އަސްކަރީ ކޭމްޕެއްގައި ހިފަހައްޓައިފި އެވެ.

ހަބަރުތައް ބުނާ ގޮތުން، އެ ދެ ބޭފުޅުން ހައްޔަރުކުރީ، އެ ގައުމުގެ ކެބިނެޓަށް ގެންނަން އުޅޭ ބަދަލުތަކާ މެދު ހިތްހަމަނުޖެހޭ އޮފިސަރުންތަކެކެވެ. މާލީގެ ރައީސް ބާހް ންޑާވް އާއި ބޮޑުވަޒީރު މުޚްތާރު ކުއާން ވަގުތުން މިނިވަން ކުރުމަށް، އދ. ޖަމިއްޔާއިންނާއި ވިލާތުގެ އިއްތިހާދުންނާއި ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.

އެ ދެ ބޭފުޅުން ހައްޔަރުކުރުމާ އެކު، އެ ގައުމުގައި އަނެއްކާ ވެސް އިންގިލާބެއް ގެނައުމުގެ ބިރު ވަނީ އުފެދިފަ އެވެ. ކެބިނެޓަށް ބަދަލުތަކެއް ގެނެސް ވަގުތީ ސަރުކާރެއް އެކުލަވައިލައްވަން މާލީގެ ރައީސަށް މަޖުބޫރުވީ، މިދިޔަ އޮގަސްޓް މަހުގެ އެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިސަރުންތަކެއް ގެންނަން އުޅުނު އިންގިލާބަކާ ގުޅިގެން، އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ސަރަހައްދީ ގައުމުތަކުން އިންޒާރު ދެމުން އަންނާތީ އެވެ.

ނަމަވެސް މިފަދަ ބަދަލުތަކެއް ސަރުކާރަށް ގެނައުމަށް، މާލީގެ އަސްކަރިއްޔާ ދެކޮޅެވެ. އަސްކަރިއްޔާގެ އިސް އޮފިސަރުން ބުނާ ގޮތުގައި، ބޭރު ގައުމުތަކުން ބުނާހާ ގޮތަކަށް ސަރުކާރު ބަދަލުކުރާކަށް ނުޖެހެ އެވެ.

ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރޭގައި މާލީ އޮތް މިދަނޑުވަޅުގައި، މާލީގެ ރައީސާއި ބޮޑުވަޒީރުގެ އިތުރުން، އެ ގައުމުގެ ދިފާއީ ވަޒީރު ސުލައިމާން ޑޫކޯރު ވެސް ހައްޔަރުކޮށްފައިވާ ކަމަށް، ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މާލީ ސަރުކާރަށް ގެނައި ބަދަލުތަކާ މެދު، އަސްކަރިއްޔާގެ ބައެއް އޮފިސަރުން ހިތްހަމަނުޖެހޭ ކަމަށް ބެލެވެނީ، ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ޑިފެންސް މިނިސްޓަރު ސާޑިއޯ ކަމާރާ އާއި ސަލާމަތީ ކަންކަމާ ބެހޭ މިނިސްޓަރު ކާނަލް މޮޑީބޯ ކޯން، މަގާމުން ވަކިކޮށް އެހެން ދެ ބޭފުޅަކު އެ ދެ މަގާމަށް ހަމަޖެއްސުމާ ގުޅިގެންނެވެ.

ވަކިކުރި ދެ މިނިސްޓަރުންނަކީ، މިދިޔަ އޮގަސްޓް މަހުގެ ގެންނަން އުޅުނު އިންގިލާބުގައި އެންމެ އިސްކޮށް އުޅުއްވި، އަސްކަރިއްޔާގެ ދެ އޮފިސަރުންނެވެ. އަސްކަރީ އިންގިލާބެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވިޔަސް، ރައީސާއި ނައިބު ރައީސް ހައްޔަރުކުރުމުގައި އިސްކޮށް އުޅެނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.