21 ނޮވެމްބަރ 2016 - 06:11

މިހާރު ވެސް އޮލިމްޕަހުގައި ދައްކަމުން އަންނަ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ 4426 (ފޯފޯޓޫސިކްސް) ގެ ވަދާއީ ދެ ޝޯ މި މަހުގެ 24 އާއި 25 ވަނަ ދުވަހުގެ ރޭ އޮޕިމްޕަހުގައި ދައްކާނެ ކަމަށް ކްރިސްޓަލް އެންޓަޓައިންމަންޓުން ބުނެފި އެވެ.
ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ ބުނީ ވަދާއީ ޝޯގެ ޓިކެޓް އޮލިމްޕަހުން ވިއްކަމުން އަންނަ ކަމަށެވެ.
މިދިޔަ މަހުގެ 18 ގައި ރިލީޒް ކުރި ނަހުލާގެ ބިރުވެރި ފުރަތަމަ ފިލްމު ކަމަށްވާ "4426" ގެ ހައުސްފުލް 14 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ފަހު، އެހެން އިވެންޓްތަކަކަށް އޮލިމްޕަހުގައި ފިލްމްގެ ޝޯތައް މެދުކަނޑާލައި، އަލުން ފިލްމުގެ ޝޯތައް ފެށީ މި މަހުގެ 11 ގަ އެވެ.
ނަހުލާ ބުނީ ފިލްމަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
އޮލިމްޕަހުގެ އިތުރުން ޝްވެކް ސިނަމާގައި ވެސް "4426" ގެ ޝޯތަކެއް ދައްކާފައިވެ އެވެ.
ރަށްރަށުގައި މިހާރު ވެސް ފިލްމް ދައްކަމުން އަންނަ އިރު، އަދިވެސް އިތުރު ރަށްތަތެއްކެއްގައި ފިލްމް ދައްކަން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ބައެއް ރިސޯޓްތަކާއި އަވަށްޓެރި ސްރީ ލަންކާގައި "4426" ގެ ޝޯތަކެއް ވަނީ ދައްކައިފަ އެވެ.
ނަހުލާގެ ސްކްރީންޕްލޭއަކަށް އޭނާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓަރުކޮށްފައިވާ ފިލްމުގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ އަދި އިބްރާހީމް ޖިހާދު (ޖިމީ) ފާހަގަކޮށްލެވެ އެވެ.