28 މެއި 2021 - 00:25

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ މީހަކު، ހުޅުމާލޭން މިއަދު ހައްޔަރުކޮށްފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގެ ތުހުމަތަށް ހަތަރު މީހަކު ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއަދު ހަވީރު ހުޅުމާލޭން މީހަކު ހައްޔަރުކޮށް ފުލުހުން ވަނީ ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއް ވެސް ފާސްކޮށްފަ އެވެ. ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ މީހެއްގެ އިތުރުން އެހެން ބަޔަކު ވެސް ހައްޔަރުކުރި ކަމަށް އެނގިފައިވެ އެވެ.
ހަމަލާގެ ތުހުމަތަށް މީގެ ކުރިން މާލެއިން ތިން މީހަކު އަދި ބ. ދަރަވަންދޫން މީހަކު ހައްޔަރުކުރިކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އޭގެ އިތުރުން މީހަކު ހައްޔަރުކުރިކަން ފުލުހުން އަދި ކަށަވަރުކޮށެއް ނުދެ އެވެ.
ހަމަލާގެ ތަހުގީގު ކުރިއަށް ދާއިރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ ތަހުގީގާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. އެނގިފައިވާ ގޮތުން، ތަހުގީގުގައި ފުލުހުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަޝީދަށް ހަމަލާދޭން އައިއީޑީ ގޮއްވާލި ކަމަށް ބެލެވޭ މީހާ އާއި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިމީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލު ގެންގޮސް ބެހެއްޓި މީހާ އާއި މި ކަންކަމުގައި އެ މީހުންނާ ބައިވެރިވެ އުޅުނު އިތުރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރުގެ ތެރޭގައި އުޅޭ ބަޔަކަށް ވާއިރު، ހަމަލާގެ ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ފުލުހުން ވަނީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހަތިޔާރާއި ގޮވާތަކެތި ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށް އެކި ގޮތްގޮތުން މުޖުތަމައުއަށް ދޫވެފައި ތިބި މީހުން ހިމެނެ އެވެ. އަދި މީގެ އިތުރުން، ބޭރު ގައުމުތަކަށް ހަނގުރާމަ އަށް ގޮސް އުޅެނިކޮށް ހައްޔަރުކޮށްފައިވާ މީހުންނާއި ހަނގުރާމާގައި ބައިވެރިވުމަށް ފަހު ރާއްޖެ އައުމުން ހައްޔަރުކުރި މީހުން ވެސް ހިމެނެ އެވެ. އެކަމަކު މި މީހުންނަކީ ނަޝީދަށް ދިން ހަމަލާއާ ސީދާ ގުޅުމެއް ހުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނެއް ނޫނެވެ.
ނަޝީދަށް ދިން ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވެ އޭޑީކޭ ހޮސްޕިޓަލުގައި ބޮޑެތި ސާޖަރީތަކެއް ހަދައި އަދި މިހާރު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގެންފަ އެވެ.