29 މެއި 2021 - 23:45

ލަންޑަން (29 މެއި) - އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭއޮފްގައި ސްވަންސީ ސިޓީ އަތުން 2-0 އިން މިރޭ މޮޅުވެ، ބްރެންޓްފޯޑް އަންނަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ހޯދައިފި އެވެ. މިއީ 74 އަހަރުގެ ތެރޭގައި ބްރެންޓްފޯޑް އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ލީގަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންޝިޕް ޕްލޭއޮފް މަޝްހޫރުވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗުގެ ގޮތުގަ އެވެ. އެއީ ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމުން، ބްރޯޑްކާސްޓިން ރައިޓްސް އިން އެ ކްލަބަކަށް ލިބޭ އާމްދަނީ އެތައް ގުނައައެއް އިތުރުވާނެތީ އެވެ. މި މެޗުން މޮޅުވެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމުން ބްރެންޓްފޯޑަށް ގާތްގަނޑަކަށް 255 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ޕްލޭއޮފްގެ ފުރަތަމަ ހާފުގައި ބްރެންޓްފޯޑަށް ލަނޑު ޖަހައިދިނީ އީވާން ޓޯނޭ އާއި އެމިލިއާނޯ މަކޮންޑެސް އެވެ. މެޗުގެ ދެވަނަ ހާފުގައި ސްވަންސީގެ ޖޭ ފަލްޓޯނަށް ރަތްކާޑު ދެއްކުމުން، އެ ޓީމު މެޗު ނިންމާލީ 10 މީހުންނާއެކު އެވެ.
އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ފަންތިން ބޭރުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ބްރެންޓްފޯޑް ވެގެން ދަނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅޭ އެންމެ ކުޑަ އެއް ކްލަބަށެވެ. ބްރެންޓްފޯޑް ޕްރިމިއާ ލީގަށް ކޮލިފައިމިވީ މީގެ ކުރިން ޕްލޭއޮފް މެޗުތަކުގައި ހިތި ތަޖުރިބާތަކެއް ކުރުމަށް ފަހު އެވެ. މީގެ ކުރިން ޕްލޭއޮފަށް އެ ޓީމު ނިކުތް ނުވަ ފަހަރު ވެސް ކާމިޔާބެއްނުވި އެވެ. މިދިޔަ ސީޒަންގެ ޕްލޭއޮފްގައި ބްރެންޓްފޯޑް ބަލިވީ ފުލަމް އަތުންނެވެ.
އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ބްރެންޓްފޯޑް އެންމެ ފަހުން ވާދަކޮށްފައިވަނީ 1946 / 1947 ވަނަ އަހަރުގެ ސީޒަންގަ އެވެ.
އިނގިރޭސި ޗެމްޕިއަންޝިޕުން ކުރިއަށް އޮތް ސީޒަންގެ ޕްރިމިއާ ލީގަށް ދެން ޕްރޮމޯޓްވެފައިވަނީ ނޯވިޗް ސިޓީ އާއި ވޮޓްފޯޑެވެ.
މި ސީޒަންގެ ޕްރިމިއާ ލީގުން ޗެމްޕިއަންޝިޕަށް ރެލިގޭޓްވީ ޝެފީލްޑް ޔުނައިޓަޑާއި ފުލަމް އަދި ވެސްްޓް ބްރޮމް އެވެ. -- އޭއެފްޕީ