ކޮޕާ އެމެރިކާ ބާއްވާނެ ގައުމެއް ހޯދަނީ
ކޮޕާ އެމެރިކާ ބާއްވާނެ ގައުމެއް ހޯދަނީ

ލޫކޭ، ޕެރަގުއޭ (31 މެއި) - ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް، އާޖެންޓީނާގައި ނުބޭއްވޭނެ ކަމަށް ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ (ކޮންމެބޮލް) އިން ނިންމުމުން، މުބާރާތް ބާއްވާނެ އެހެން ގައުމެއް އިހްތިޔާރުކުރަން އެ އިދާރާއަށް މަޖުބޫރުވެއްޖެ އެވެ.

މުބާރާތް ފެށެން 13 ދުވަހަށް ވެފައި ވަނިކޮށް، އިއްޔެ ކޮންމެބޮލް އިން ނިންމައިފައި ވަނީ، އާޖެންޓީނާގައި ކޮވިޑް-19 ގެ ހާލަތު ގޯސް ދަރަޖައަކަށް ވެއްޓިފައި ވުމުން އެ ގައުމުގައި މުބާރާތް ނުބޭއްވޭނެ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އާޖެންޓީނާގައި ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.

ކޮޕާ އެމެރިކާ ފުރަތަމަ ފަހަރަށް ދެ ގައުމެއްގައި ބާއްވަން ކޮންމެބޮލް އިން ނިންމައިގެން ތިއްބަސް، އެކަމަށް ހުރަސްއެޅުނީ އާޖެންޓީނާއާ އެކު ކޯ ހޯސްޓްގެ ގޮތުގައި މުބާރާތް ބާއްވަން ހަމަޖެހިފައި އޮތް ކޮލަމްބިއާގެ ސިޔާސީ މަސްރަހާ ހެދި މުބާރާތް ބާއްވާނެ މާހައުލެއް އެގައުމުގައި ނެތުމުންނެވެ. ކޮންމެބޮލް އިން މި މަހު 20 ގައި ނިންމީ ކޮލަމްބިއާގައި އެ މުބާރާތް ނުބޭއްވެނެ ކަމަށެވެ.

އާޖެންޓީނާގައި ވެސް އެ މުބާރާތް ބޭއްވޭނެ މާހައުލެއް ނެތުމުން، ކޮންމެބޮލް އަށް މިހާރު ޖެހިފައި ވަނީ މުބާރާތް ބާއްވާނެ އެހެން ގައުމެއް ހޯދާށެވެ. ނަމަވެސް އަދި މިހާތަނަށް ވަކި ގައުމެއް އެ އިދާރާއަކަށް ނުހޯދެ އެވެ.

ކޮންމެބޮލް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މުބާރާތް ބާއްވުމަށް ޝައުގުވެރިވާ ގައުމުތަކުގެ ތެރެއިން ކޮންމެވެސް އެއް ގައުމެއް މިއަދު ހަމަޖައްސާނެ ކަމަށެވެ. މުބާރާތުގެ ބައެއް މެޗުތައް ޗިލީގައި ކުޅުމަށް އެ ގައުމުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރު ބާއްވަން އޮތް މުބާރާތް، މި އަހަރަށް ފަސް ކުރީ ކޮވިޑްގެ ސަބަބުންނެވެ. ނަމަވެސް މި އަހަރުގެ މުބާރާތާމެދު ވެސް މިހާރު ވަނީ ސުވާލުއުފެދިފަ އެވެ.