31 މެއި 2021 - 12:51

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ އުފުލައިފި އެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 25 ވަނަ މާއްދާގެ ދަށުން، ހިޔާނަތްތެރިވުމުގެ 42 ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެއީ އެއް ނަމްބަރުގެ ދަށުން 12 ދައުވާއަކާއި އެ މާއްދާގެ އެހެން ނަމްބަރެއްގެ ދަށުން 25 ދައުވާއަކާއި ފަސް ދައުވާ އެކެވެ.
އައްމަޓީގެ މައްޗަށް އެ ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ފެންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން މާޗު 13، 2014 ގައި ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު މަސައްކަތް ނުކޮށް އަދި ފައިސާ ވެސް ނުދިން މައްސަލަ މީގެ އަހަރުތަކެއް ކުރިން ފުލުހަށް ހުށަހެޅި އެވެ. އެކަމަކު އައްމަޓީ ފިލައިގެން ރާއްޖެއިން ބޭރުގައި އުޅުމުން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ގާތްގަނޑަކަށް 5-6 އަހަރު ފަހުން އެ މައްސަލައިގައި ބޮޑެތި ދައުވާތަކެއް ކުރީ ލަންކާއިން އައްމަޓީ ހައްޔަރުކޮށް މިދިޔަ މާޗު މަހު ރާއްޖެ ގެނައުމަށްފަހުގަ އެވެ.
ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.
އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރި މީހުންނަށް ބަދަލު ދޭން އެއްބަސްވީ ދައުލަތުން ސީ ލައިފްގެ އެހެން ކުންފުންޏަކަށް ދައްކަން އެއްބަސްވި 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާއަކީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން 2018 ވަނަ އަހަރު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ. ނަމަވެސް އެ ފައިސާ ދައުލަތުން ނުދޭން ނިންމުމުން ކުރި ދައުވާގައި، މިއީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް މިދިޔަ ޑިސެމްބަރު މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.