މެއި: ކޮވިޑްގެ އެންމެ ގިނަ ކޭސް، އެންމެ ގިނަ މަރު
މެއި: ކޮވިޑްގެ އެންމެ ގިނަ ކޭސް، އެންމެ ގިނަ މަރު

މި މަހު ކޮވިޑް-19 އަށް ޓެސްޓްކުރި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮޒިޓިވްވި ކަމަށާއި ދުވާލަކު އެވްރެޖްކޮށް 1،115 ކޭސް އަލަށް ފެނުނު ކަމަށް މި މަހުގެ ހިސާބުތަކުން ދައްކައިފި އެވެ.

މި މަސް ފެށުނު އިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ހުރީ 10.43 ޕަސެންޓުގަ އެވެ. މި ރޭޓް މަތިވަމުން ގޮސް އެންމެ މައްޗަށް ދިޔައީ 18 ވަނަ ދުވަހު 39.56 ޕަސެންޓަށެވެ. އެ ދުވަހު 3،703 ސާމްޕަލް ޓެސްޓްކުރި އިރު 1،465 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ. ނަމަވެސް އެ ހިސާބުން ބަލި ކޮންޓްރޯލްކުރަން ފިޔަވަޅުތައް ހަރުކަށިކޮށް، ލޮކްޑައުންއަކަށް ދިޔަ ފަހުން ކޭސްތައް ވެސް އަދި ޕޮޒިޓިވްވާ ރޭޓް ވެސް ދަށްވަމުން އައިސް މިއަދު ރޭޓް ހުރީ 13.37 ޕަސެންޓުގަ އެވެ.

މިދިޔަ 24 ގަޑިއިރު 5،310 ސާމްޕަލް ޓެސްޓްކުރުމުން އަލަށް 710 ކޭސް ފެނިފައިވެ އެވެ. މި ދެތިން ދުވަހު، އަލަށް ފެންނަ ކޭސްތަކަށް ވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވެފައި ވާތީ އެތައް ދުވަހަށް ފަހު ވަނީ އެކްޓިވް ކޭސްތަކުގެ އަދަދު ދަށަށް ދާން ފަށައިފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް މަޑުމަޑުން ދަށްވާން ފަށާފައިވާ ކަމަށް ދައްކަ އެވެ.

މި މަސް ވެފައި ވަނީ ރާއްޖޭން ކޮވިޑް ބަލި ފެނުނު ފަހުން އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނު މަހަށެވެ. މި މަހު 145،921 ސާމްޕަލް ޓެސްޓުކޮށްފައި ވާއިރު އޭގެ ތެރެއިން 34،561 މީހަކު ބައްޔަށް ޕޮޒިޓިވްކަން ވަނީ އެނގިފަ އެވެ. އެވްރެޖްކޮށް ދުވާލަކު 4،707 ޓެސްޓްކޮށް 1،115 އާ ކޭސް އެވްރެޖްކޮށް ވަނީ ފެނިފަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދު މި މަހު 25،000 އަށް ވުރެ ވެސް މައްޗަށް ދިޔަ އެވެ. އެކަމަކު އެޅި ފިޔަވަޅުތަކާ އެކު މިހާރު ވަނީ އެކްޓިވް ކޭސްތަކުގެ އަދަދު 24،000 އަށް ދަށްކުރެވިފަ އެވެ.

މި މަހު ކޮވިޑްގައި 88 މީހަކު މަރުވެފައިވެ އެވެ. މިއީ ދުވަހުގެ ނިސްބަތުން ނަމަ 2.8 ގެ ރޭޓެވެ. މި މަހުގެ ނުވަ ދުވަހެއްގައި ފިޔަވައި ކޮންމެ ދުވަހަކު ވެސް ބަލީގައި މީހަކު މަރުވެފައިވެ އެވެ. އެންމެ ގިނަ މީހުން މަރުވީ 24 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު މަރުވި އެވެ.

މި މަހު އެންމެ މަދުން ކޭސް ފެނުނު ދުވަހު ވެސް 402 ކޭސް ފެނިފައިވެ އެވެ. އެއީ މަހުގެ ފުރަތަމަ ދުވަހު އެވެ. އެންމެ ގިނައިން އާ ކޭސްތައް ފެނުނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ 2،194 ކޭހެވެ. ނަމަވެސް، ޓެސްޓް ނުކުރެވި ސާމްޕަލްތައް ފުނިޖެހުމުން މާ ކުރީގެ ސާމްޕަލްތަކުގެ ނަތީޖާއާ އެކު ބައެއް ދުވަސްދުވަހު އެޗްޕީއޭ އިން އިއުލާނުކޮށްފައި ވާތީ ކޮންމެ ދުވަހެއްގެ ނަންބަރުތަކަކީ އެ ދުވަހުގެ ހާލަތެއް ނޫނެވެ. ނަމަވެސް މުޅި މަހުގެ ޖުމްލައިން އެއަށް ވުރެ ރަނގަޅަށް ހާލަތު އަންގައިދެ އެވެ.